ދުނިޔެ

އަނެއްކާވެސް ޣައްޒާއިން ތިން މީހަކު ޝަހީދުކޮށްލައިފި

އަނެއްކާވެސް ޣައްޒާއިން ތިން މީހަކު ޝަހީދުކޮށްލައިފި

ޝަހީދެއްގެ އާއިލާގެ މެމްބަރަކު އޭނާގެ ހަށިގަނޑާއެކު. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2026، 03:42

02 ޖޫން 2026، 03:42

އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއިލުން ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ ތިން ރައްޔިތަކު ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ އޮފިޝަލުން ހާމަކޮށްފިއެވެ.

މީގެތެރެއިން އެކަކު ޝަހީދުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދައިރުލް ބަލަހްގެ އިރުމަތީ ފަރާތުން ދަތުރުކުރި އުޅަނދަކަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައެވެ.

މެޑިކަލް އޮފިޝަލުން މަޢުލޫމާތު ދޭ ގޮތުގައި، ދައިރުލް ބަލަހްގައި އުޅަނދަށް ދިން ހަމަލާގައި އެކަކު ޝަހީދުވެ ހަތަރު މީހަކު ޒަހަމްވިއިރު، އެ އުޅަނދު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން، އެ ސަރަޙައްދާ ކައިރީގައި އޮންނަ ޒަވައިދާ އަވަށަށް ދިން އެހެން ހަމަލާއެއްގައިވެސް މީހަކު ޝަހީދުވެފައިވާ ކަމަށާއި، ހާން ޔޫނިސްގެ ހުޅަނގު އުތުރު ސަރަޙައްދުގައި އިސްރާއިލް ސިފައިން ބަޑިޖަހައި އިތުރު މީހަކު މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއިލް އަސްކަރިއްޔާއިން މި ހާދިސާތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން އޮކްޓޫބަރު މަހު ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށެވެ.

އިސްރާއިލާ ހަމާސްއާ ދެމެދު ކުރިއަށްދާ ނުސީދާ މަޝްވަރާތައް މިހާރު ވަނީ މަރުތަޅު އެޅުވިފައެވެ. މި މަޝްވަރާތަކަކީ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކެކެވެ. އޭގެތެރޭގައި ހަމާސްގެ ހަތިޔާރު އަތުލުމާއި އިސްރާއިލް ސިފައިން ޣައްޒާއިން ފޭބުން ހިމެނެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު، އިސްރާއިލުން ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް ކޮންޓްރޯލް ކުރަމުންދާއިރު، ހަމާސްގެ ކޮންޓްރޯލް އޮތީ އައްސޭރިފަށުގެ ކުޑަ ސަރަޙައްދެއްގައެވެ.

ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޢަމަލީގޮތުން ހިނގަން ފެށި ފަހުންވެސް އިސްރާއިލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 930 ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އިސްރާއިލްގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450