ޚަބަރު
ބ. މާޅޮހު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި
ބ. މާޅޮހުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވުން ފޮޓޯ: ޕޮލިސް
ބ. މާޅޮހުގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ބިނާކުރި ތަނެކެވެ.މާޅޮހު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިމާރާތް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުޙައްމަދު ޠާރިޤް ޢަބްދުއްރައްޒާގުގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، މާޅޮހު ކައުންސިލު މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަންގެ ދިދަ ނަންގަވައި ދެއްވީ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ. މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ބ. މާޅޮހު ކައުންސިލުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުން ވަނީ އަރުވާފައެވެ. މި ލިޔުންތައް ހަވާލުކޮށްދެއްވީ ވަޒީރު ޢަލީ އިޙްސާންއެވެ.
މާޅޮހު ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެމްޓީސީސީއާ ހާވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2025 ވަަނަ އަހަރުގެ މާރިޗު މަހުއެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރި އިމާރާތުގައި އިދާރީ ބަޔަކާއި، މުވައްޒަފުން ދިރިއުޅޭނެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، އެ ތަނުގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބ. މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކޮށް، އަމާން މާހައުލެއް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.