ޚަބަރު
ކުރީގެ 6 ރައީސުންނަށް ޚިދުމަތްކުރެވި އިބްރާހީމް ޙަލީމް އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
މަރްޙޫމް އިބްރާހީމް ޙަލީމް---
ކުރީގެ 6 ރައީސުންނަށް ޚިދުމަތްކުރެވި، މ. ފަތްކޯނި، އިބްރާހީމް ޙަލީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ބޭފުޅާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަރްޙޫމް އިބްރާހީމް ޙަލީމް ވަނީ ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ. އަދި އޭގެތެރެއިން ބޮޑު ބައެއް މަރްޙޫމް އިބްރާހީމް ޙަލީމް ހޭދަކުރެއްވީ މުލީއާގޭގައިކަމަށް ވެސް ރައީސް ފާހަގަކުރެއްވެވިއެވެ.
މީގެއިތުރުން މުލީއާގޭގައި މަސައްކަތްކުރެއްވި މުއްދަތުގައި ޚިދުމަތްކުރެއްވި ހުރިހާ ރައީސުންގެ އަރިހުގައި ވެސް، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތްކޮށްދެއްވިކަން ފާހަގަކުރެއްވެވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމް ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.
މަރްޙޫމް އިބްރާހީމް ޙަލީމް ވަނީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ވެސް ޙާޞިލްކުރައްވާފައެވެ.