ދުނިޔެ
ޕައިލެޓުންގެ ޝަކުވާތަކާ ގުޅިގެން މިޑްލް އީސްޓް އެއާލައިންސްގެ ސޭފްޓީ އޮޑިޓެއް ފަށައިފި
މިޑްލް އީސްޓް އެއާލައިންސްގެ ފްލައިޓެއް. ފޮޓޯ: ޢަރަބް ނިއުސް
ލުބުނާނުގެ ގައުމީ އެއާލައިން، މިޑްލް އީސްޓް އެއާލައިންސް (އެމްއީއޭ) އިން ދަތުރުތައް ކުރާއިރު ސަލާމަތީ ކަންކަމަށް އިހުމާލުވާ ކަމަށް ބުނެ ޕައިލެޓުންގެ ޖަމިއްޔާތަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން، އެ ގައުމުގެ އޭވިއޭޝަން ރެގިއުލޭޓަރުން އެ އެއާލައިންގެ ސޭފްޓީ އޮޑިޓެއް ފަށައިފިއެވެ.
ބައިނަލްއަގުވާމީ ޕައިލެޓުންގެ ފެޑެރޭޝަން (އައިއެފްއޭއެލްޕީއޭ) އިން ބުނެފައިވާ ގޮތުގައި، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގާތުން ދަތުރުކުރުމަށް ޕައިލެޓުންނަށް މަޖުބޫރުކުރެއެވެ. އަދި ސަލާމަތީ މައްސަލަތައް ރިޕޯޓްކުރާ ޕައިލެޓުންނަށް އަދަބުދޭ ކަމުގެ ތުހުމަތުވެސް އެ ޖަމިއްޔާއިން ވަނީ ކޮށްފައެވެ.
އެމްއީއޭ އަކީ ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައާއި އިގްތިސާދީ ދަތިކަމުގެ ތެރޭގައިވެސް، ބޭރުގެ އެހެން އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާއިރު، އެ ގައުމު ދުނިޔެއާ ގުޅުވައިދޭ މައިގަނޑު ވަސީލަތެވެ.
އައިއެފްއޭއެލްޕީއޭގެ ރައީސް ރޮން ހޭ، ލުބުނާނުގެ ސެންޓްރަލް ބޭންކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ނުރައްކާ އޮތް ސަރަހައްދުތަކުގައި ފަސިންޖަރުން ގޮވައިގެން ދަތުރުކުރުމަކީ ބައެއް މީހުންނަށް ކެރޭ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 2024 ވަނަ އަހަރުން ފެށިގެން ބޭރޫތު އެއާޕޯޓް ކައިރިއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އެމްއީއޭއިން ބުނެފައިވަނީ އެއާލައިންގެ ސަލާމަތީ ރެކޯޑު ވަރުގަދަ ކަމަށާއި، ހުރިހާ ދަތުރެއްވެސް ކުރަނީ ރެގިއުލޭޓަރުންނާ ގުޅިގެން ހަދާ ރިސްކް އެސެސްމަންޓްތަކަށް ބަލައިގެން ކަމަށެވެ. އަދި ސަލާމަތީ ކަންކަން ރިޕޯޓްކުރާ ޕައިލެޓުންނަށް ފިޔަވަޅު އަޅާ ކަމަށް ބުނާ ވާހަކަ އެ އެއާލައިނުން ވަނީ ދޮގުކޮށްފައެވެ.
އައިއެފްއޭއެލްޕީއޭ އިން ވަނީ އެމްއީއޭ އިން ލުބުނާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެލްސީއޭއޭ) ގެ މުވައްޒަފުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ މައްސަލަވެސް ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން މިނިވަންކަމާއެކު އެއާލައިން މޮނިޓާ ކުރުމަށް ހުރަސްއެޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މިކަމާ ގުޅިގެން އެމްއީއޭއިން ބުނީ، އިގްތިސާދީ ކްރައިސިސްގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާތީ، ގައުމުގެ އޭވިއޭޝަން އިންފްރާސްޓްރަކްޗާ ހިފެހެއްޓުމަށްޓަކައި މާލީ އެހީތެރިކަން ދެނީ ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރެގިއުލޭޓަރުންގެ މިނިވަންކަމަށް އަސަރު ނުކުރާނެ ކަމަށްވެސް އެއާލައިނުން ބުނެފައިވެއެވެ.
ލުބުނާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިޔާ މުހައްމަދު އަޒީޒް ވިދާޅުވީ، އެމްއީއޭގެ ސޭފްޓީ އޮޑިޓެއް މިހާރު ކުރިއަށްދާ ކަމަށާއި، ޕައިލެޓުންނާއި އެއާލައިނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.