Ads by Farudhun

ޚަބަރު

ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަނީ

ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަނީ

ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމް ފޮޓޯ : އައިޖީއެމްއެޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2026، 10:03

03 ޖޫން 2026، 10:03

 ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ގދ. ތިނަދޫގައި ހުންނަ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ އޮޕަރޭޝަން ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ކޭމްޕަކީ މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސް އާއި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ އިތުރުން ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަހުގެ 11 އިން 13 އަށް ކުރިއަށްދާ މި ކޭމްޕުގައި އެކި ބަލިތަކަށް ޚާއްޞަ 10 ތަޖުރިބާކާރު ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޭމްޕުގައި ފޯރުކޮށްދޭނެ މައިގަނޑު ޚިދުމަތްތައް:

  • އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާދިނުން.
  • ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފާރުތަކަށް ޚާއްޞަ ފަރުވާދިނުން.
  • ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި، އާންމުކޮށް ކަފާލައިގެން ކުރާ އޮޕަރޭޝަންތައް ކުރުން.
  • ގިނަދުވަސް ވެފައިވާ، ފަސޭހަނުވާ ތަދުތަކަށް ޚާއްޞަ ފަރުވާދިނުން.
  • ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން.
  • ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ވަޒަންކޮށް، އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރުން.

މި ކޭމްޕުގައި ހަރަކާތްތެރިވާނީ މާލެސިޓީގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާ އެންމެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުންގެ ޓީމެކެވެ. އޭގެ ތެރޭގައި އާންމު އޮޕަރޭޝަންތަކަށް ޚާއްޞަ ޑރ. ޢަބްދުﷲ އުބައިދު އަދި ޑރ. މުޙައްމަދު ޝަރީފް ޢަބްދުލްމަޖީދު، ޕްލާސްޓިކް ސާޖަރީއަށް ޚާއްޞަ ޑރ. މުޙައްމަދު ވަޙީދު، އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑރ. އާމިނަތު ނުސްރާ އަދި ޑރ. ޖުމައިލަތު ބޭގަމް ހިމެނެއެވެ.

މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑރ. އިބްރާހިމް މިސްބާޙް، ގޮހޮރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑރ. ޢާއިޝަތު އަޒްނާ ޢަލީ، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑރ. މުޙައްމަދު ޝިފާން، ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑރ. ޢަލީ އާރިފް އަދި ހޭނެއްތުމާއި ތަދުތަކަށް ޚާއްޞަ ޑރ. އައްސަދު ރަޝީދު މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މި ކޭމްޕަކީ ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ.

މި ކޭމްޕުން ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ ފަރާތްތަކުން 1555 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ. މި ކޭމްޕުގެ ސަބަބުން ގދ. އަތޮޅާއި އަދި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް މާލެ ނުގޮސް، އަމިއްލަ ސަރަޙައްދުގައި ތިބެގެން ޚާއްޞަ ފަރުވާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450