ވިޔަފާރި / ޚަބަރު
އެމްޓީޑީސީގެ އާމްދަނީ އިތުރުކުރުމަށް އައު ރިސޯޓެއް ތަރައްޤީކުރަނީ
އެމްޓީޑީސީއިން ތަރައްގީކުރާ ނާގޮށި ރިޒޯޓް ފޮޓޯ: އެމްޓީޑީސީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި، އައު ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު އިޢުލާނު ކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ކުންފުނިތަކުގެ މަސައްކަތްތައް ހިއްސާކުރުމަށް ގެނެސްދޭ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، އިތުރު ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެމްޓީޑީސީއާ ރަސްމީކޮށް ބިން ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ކުންފުނީގެ މާލީ ހާލަތަށް އަލިއަޅުވާލައްވަމުން އެމްޓީޑީސީގެ އެމްޑީ ވިދާޅުވީ، 2019 ވަނަ އަހަރަކީ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރެއް ނަމަވެސް، މިހާރު އެ ކުންފުންޏަކީ ފައިދާވާ އަދި ހިއްސާދާރުންނަށް އެކަށީގެންވާ ނަފާއެއް ބެހޭ ފަދަ ހަރުދަނާ ކުންފުންޏަކަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ތާރީޚުގައިވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އެއް އަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުރިހާ ޚަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް މިދިޔަ އަހަރު ކުންފުންޏަށް ލިބިފައިވޭ،
ނިޔާޒު
މިހާރު އެމްޓީޑީސީއަށް މައިގަނޑު އާމްދަނީއެއް ލިބެނީ ގދ. އަތޮޅުގައި ހިންގާ އަޔާޑާ މޯލްޑިވްސް އާއި ބ. އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށް ރިސޯޓުންނެވެ. ނިޔާޒު ވިދާޅުވި ގޮތުގައި ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު ވަސީލަތްތައް ހޯދުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒެވެ.
މިވަގުތު އެމްޓީޑީސީން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި އެ ކުންފުނީގެ އައު އޮފީސް އިމާރާތުގެ މަސައްކަތާއި ހދ. ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. ނިޔާޒު ވިދާޅުވީ އޮފީސް އިމާރާތް ހުޅުވުމާއެކު ކުންފުނީގެ އާމްދަނީއަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށާއި، ނާގޯށީގެ މަސައްކަތްތަކަށްފަހު ދެން އެންމެ އަވަހަށް ފަށާނީ އަލަށް ހަވާލުކުރާ ރިސޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކަމަށެވެ.
ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ މި އައު މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް ހާމަކުރައްވާނެ ކަމަށްވެސް އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.