Ads by Farudhun

ޚަބަރު

އައްޑޫ ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ހަރަދުކުރި: އޮޑިޓް

އައްޑޫ ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ހަރަދުކުރި: އޮޑިޓް

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2026، 12:21

03 ޖޫން 2026، 12:21

އައްޑޫ ސިޓީ ކައުންސިލުން ރާއްޖެއިން ބޭރަށް ކުރި ދެ ތަޖުރިބާ ދަތުރަކަށް، ދައުލަތުގެ މާލިއްޔަތު ސާކިއުލާތަކާ ހިލާފަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދިފަހުން އާއްމުކޮށްފައިވާ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި، 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވާގޮތުން، މި ދަތުރުތައް ކޮށްފައިވަނީ ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކައުންސިލްގެ އަށް މެންބަރުންނާއި ދެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 10 މީހަކު މެލޭޝިއާ އަދި ސިންގަޕޫރަށް އަށް ދުވަހުގެ ދަތުރެއް ކޮށްފައިވެއެވެ. މި ދަތުރަށް ކައުންސިލްގެ ބަޖެޓުން 515,101 ރުފިޔާ ހަރަދުކޮށްފައިވާއިރު، މި ދަތުރުގެ މަގުސަދާއި ދަތުރުގައި ފުރިހަމަކުރި ތަމްރީނުތަކާ ދިމާނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގައި ފުރިހަމަކުރި 'ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލެމް ސޯލްވިން ސްކިލްސް' ޓްރެއިނިން އަކީ ދަތުރުގެ މައިގަނޑު މަގުސަދު ކަމަށްވާ އާބަން ޑިވެލޮޕްމަންޓާ ގުޅުންހުރި ދާއިރާއެއް ނޫންކަމަށް އޮޑިޓްގައިވެއެވެ. މީގެ އިތުރުން، ސިންގަޕޫރު ދަތުރުގެ ތެރެއިން ޒިޔާރަތްކުރި ގެލެރީތަކަކީވެސް ދަތުރުގެ މަގުސަދާ ސީދާ ގުޅުންހުރި ތަންތަން ނޫންކަން ވަނީ ހާމަވެފައެވެ.

ކައުންސިލުން ކުރި ދެވަނަ ދަތުރަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނުވަ މެންބަރުންނާއި، ކައުންސިލް މެންބަރަކާއި ސެކްރެޓަރީ ޖެނެރަލް ރާއްޖެއިން ބޭރަށް ކުރި ދަތުރެކެވެ. މި ދަތުރަށް ދައުލަތުގެ ބަޖެޓުން 685,509 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަންގަވައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން އިރުޝާދު ދީފައިވަނިކޮށް، އައްޑޫ ސިޓީ ކައުންސިލުން މި ދަތުރުތައް ކޮށްފައިވަނީ އެއްވެސް ވަރަކަށް އެ އިރުޝާދުތަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ ފައިސާގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450