ޚަބަރު
އާސަންދަ ޑިޖިޓަލައިޒްވުމުން ޚިދުމަތްތައް އަވަސްވެ، އެހީއަށް އެދުމަށް ބޮޑު ލުޔެއް ލިބޭނެ: ޒީނިޔާ
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ފޮޓޯ:މަޖިލިސް
ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމު، އާސަންދައިގެ ޚިދުމަތްތައް އެއްކޮށް ޑިޖިޓަލައިޒްވެގެން ދިޔުމާއެކު، މިހާރަށްވުރެ މާ އަވަސްކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށާއި ބޭސްފަރުވާގެ އެހީއަށް އެދެން މާ ބޮޑަށް ލުއިވެގެންދާނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ޚިދުމަތްތައް ލަސްވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ގިނަ މަސައްކަތްތަކެއް މެނުއަލްކޮށް ނުވަތަ ކަރުދާސް ފޯމު ބޭނުންކޮށްގެން ކުރަންޖެހުން ކަމަށެވެ. މީގެ ސަބަބުން މުވައްޒަފުންގެ ގިނަ ވަގުތުތަކެއް ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފޯމު ނުވަތަ މެނުއަލް ރަޖިސްޓަރ ގެންގުޅުން އެއީ ވަރަށް ގިނަ ވަގުތުތަކެއް ހޭދަވާކަމެއް. އެކަހަލަ މަސައްކަތް ހުންނާތީ ފުދޭވަރަކަށް ހަމަ ލަސްވެގެންދޭ މަސައްކަތްތައް. އަޅުގަނޑުމެންގެ ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމިގެންދާއިރު އުއްމީދަކީ ހިދުމަތްތައް ވަރަށް ބޮޑުތަނުން އަވަސްވެގެންދާނެ
ޒީނިޔާ
ސަރުކާރުން މިހާރު ވަނީ ޚިދުމަތްތައް ހަރުދަނާކޮށް އަވަސްކުރުމުގެ ގޮތުން، މީގެ ކުރިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން ދެމުންދިޔަ އިޖުތިމާޢީ އެހީއާ ގުޅުންހުރި މުހިއްމު ގިނަ ޚިދުމަތްތަކެއް އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.
މި ޚިދުމަތްތަކަށް އެދުމުގައި އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 'މައި އާސަންދަ ޕޯޓަލް' ގެ ނަމުގައި މިހާރު ވަނީ ޚާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފައެވެ. އީފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލް މެދުވެރިކޮށް ބޭސްފަރުވާގެ އެހީއަށް އެދި ފޯމު ހުށަހެޅުމާއި، ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ އެހީގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ބަލިމީހުންނަށާއި އެހީތެރިންނަށް ލިބިގެންދާނެއެވެ.
ޒީނިޔާ އިތުރަށް ވިދާޅުވީ، މި ބަދަލުތަކާއެކު ނިޒާމުގެ ތެރެއިން ނާޖައިޒު މަންފާ ނެގުން ހުއްޓުވައި، ޒިންމާދާރުކަމާއެކު ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާތީ، މިއީ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ހަރުދަނާ އުސޫލެއްގެ ތެރެއިން މެނޭޖުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު މީގެކުރިން އާސަންދަ ކަވާ ނުކުރާ ގިނަ ކަންކަން މިހާރު އާސަންދައިގެ ދަށުން ކުރެވޭ ކަން ފާހަގަކުރައްވަމުން ޒީނިޔާ ވިދާޅުވީ ބައެއް ކަހަލަ މެޑިކަލް ތަހުލީލުތަކާއި ޓެސްޓުތައް ހެދުމަށް ކުރިން އެންސްޕާއިން އެހީ ދެމުން ދިޔަ ގިނަ ކަންތައް މިހާރު އާސަންދައިގެ ދަށުން ހެދޭ ކަމަށާއި މި ބަދަލާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.