ވިޔަފާރި / ޚަބަރު
ގދ. ތިނަދޫ އިން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
މަސްވެރިން މަސްބާނަނީ ފޮޓޯ: ވުޒާރާ
"ފަހި ހަކަތަ" ޕްރޮގްރާމުގައި ރަޖިސްޓްރީވެފައިވާ މަސްދޯނިފަހަރަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ގދ. ތިނަދޫގައި ސަރުކާރުން ހަމަޖައްސައިފިއެވެ.
މި ނިންމުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ކުރިއަށްދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، ތެލުގެ އަގު ބޮޑުވި ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމެވެ.
ތިނަދޫގެ އިތުރުން، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދ. މީދޫ އިންވެސް ސަބްސިޑައިޒް އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ސަރުކާރުގެ އަމާޒަކީ 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި އެފް.އެސް.އެމްގެ ޝެޑްތައް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމެވެ.
މި އަހަރުގެ މާރޗް މަހުން ފެށިގެން ހުޅުމާލެ، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ އަދި ސ. ހުޅުދޫގައި ހުންނަ މިފްކޯ އަދި އެފް.އެސް.އެމްގެ ޝެޑްތަކުން އަންނަނީ ހެޔޮ އަގުގައި ތެޔޮ ވިއްކަމުންނެވެ.
މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެފް.އެސް.އެމްގެ ސްކިޑް ގާއިމްކޮށްފައިވާ އިތުރު 9 ރަށަކުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ގދ.ތިނަދޫ އިން ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. pic.twitter.com/XAi4XxNSvv
— Min of Fisheries, Agriculture and Ocean Resources (@MFAORmv) June 3, 2026