ދުނިޔެ
ޓްރަމްޕް ނުފެންނަތާ ގިނަދުވަސްވެ އޭނާގެ ޞިއްޙަތާއި މެދު ސުވާލުއުފެދިފައި
ޑޮނަލްޑް ޓަރަމްޕް. ފޮޓޯ: ޔާހޫ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުންގެ ތެރެއަށް ނުނިކުންނަތާ ހަތް ދުވަސް ވެފައިވާތީ، އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.
މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޓްރަމްޕް އާންމު އެއްވެސް ހަރަކާތަކުން ފެނިފައި ނުވާއިރު، މިއީ އޭނާގެ 80 ވަނަ އުފަންދުވަސް ކައިރިވަމުން އަންނަ ދަނޑިވަޅެކެވެ.
ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، ނޫސްވެރިޔާ އާރޮން ރޫޕާ ވަނީ ޓްރަމްޕް އެންމެ ފަހުން ފެނުނީ މޭ 27 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުން ކަމަށް ބުނެފައެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ ހަމައެކަނި ކުރިން ރެކޯޑުކޮށްފައިވާ އިންޓަވިއުއަކުންނެވެ. މިއާއެކު އޭނާގެ ދުޅަހެޔޮކަމާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކޮންމެ މަހެއްގެވެސް ކުރީކޮޅު ޓްރަމްޕް އާންމުންނަށް ނުފެނި ގެއްލުމަކީ އާދައެކެވެ. އެކްސްގައި ޚިޔާލު ފާޅުކުރި މީހަކު ބުނެފައިވަނީ، "އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅަކު ހަފުތާއެއް ވަންދެން ލައިވް ޓީވީން ނުފެނުމަކީ ބޮޑު ޚަބަރަކަށް ވާންޖެހޭނެ ކަމަށް ގަބޫލުކުރަން. މިއީ ކޮންމެ މަހެއްގެވެސް ކުރީކޮޅު ހިނގާ ކަމެއް،" ކަމަށެވެ.
އައިރިޝް ސްޓާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިގޮތަށް ގެއްލިފައި ހުންނަ ހުރުމަކީ ވަކި އުސޫލަކުން ހިނގާ ކަމެއްގެ ގޮތުގައި ބައެއް މީހުން މިހާރު ވަނީ ފާހަގަކުރަން ފަށާފައެވެ. "މީގެ ކުރިން މިކަން ފާހަގައެއް ނުކުރެވޭ، އެކަމަކު މިއީ މަހުގެ ފުރަތަމަ ކޮޅު. އެމަނިކުފާނު މި ދުވަސްވަރު ގެއްލޭ ކަމަށް ފެންނަނީ،" އިތުރު މީހަކު ބުނެފައިވެއެވެ.
ޓްރަމްޕްގެ ސިއްހީ ހާލަތާ ގުޅޭގޮތުން މިފަދަ އަޑުތަކެއް ފެތުރެމުން މިދަނީ، އޭނާއާއި އެނާގެ އަންހެނުން މެލަނިއާ އެކުގައި ފެނުނު ވީޑިއޯއަކުން ޓްރަމްޕްގެ ހަރަކާތްތައް ހުރި ގޮތުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޓްރަމްޕްގެ އޮފީހުން ރަސްމީ އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ.