Ads by Farudhun

ޚަބަރު

މަރަދޫ މަސް މާރުކޭޓު މަޝްރޫއުގައި 8 ލައްކަ ރުފިޔާގެ ބޮޑު އޮޅުވާލުމެއް: އޮޑިޓް

މަރަދޫ މަސް މާރުކޭޓު މަޝްރޫއުގައި  8 ލައްކަ ރުފިޔާގެ ބޮޑު އޮޅުވާލުމެއް: އޮޑިޓް

އައްޑޫ ސިޓީ މަރަދޫ ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖޫން 2026، 03:59

03 ޖޫން 2026، 03:59

އައްޑޫ ސިޓީ މަރަދޫ އަވަށުގައި މަސް މާރުކޭޓެއް ތަރައްގީކުރުމަށް ހިންގި މަޝްރޫއުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއްކޮށް، ކޮންޓްރެކްޓަރު ފޯޖުކޮށްފައިވާ ލިޔުންތަކެއް ހުށަހެޅި މައްސަލައެއް އޮޑިޓް ރިޕޯޓުން ފަޅާއަރައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި، 16 ޑިސެމްބަރު 2021 ގައި އަމިއްލަ ފަރާތަކާ ހަވާލުކުރި މި މަޝްރޫއަކީ 3,250,863 ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 155 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހާ ހަމައަށް (ގާތްގަނޑަކަށް 4 އަހަރު ވާން ކައިރިވެފައިވާއިރު) ނިމިފައިވަނީ މަސައްކަތުގެ އެންމެ 57 އިންސައްތައެވެ.

އެންމެ މަތިން މާކްސް ލިބުނު ފަރާތަށްވުރެ 8 ލައްކަ ރުފިޔާ އަގުބޮޑުކޮށް މަސައްކަތް ހަވާލުކުރުން

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ބިޑް އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބުނު ފަރާތް ބާކީކޮށް، ދެވަނައަށް ދިޔަ ފަރާތަށް މަސައްކަތް އެވޯޑުކުރުމެވެ. އެންމެ މަތިން މާކްސް ލިބުނު ފަރާތުން ހުށަހަޅާފައިވަނީ މަސައްކަތް ހަވާލުކުރި ފަރާތަށްވުރެ 897,942 ރުފިޔާ ކުޑަ އަގެކެވެ. އަދި އެ ފަރާތުން މަސައްކަތް ނިންމުމަށް ހުށަހެޅި މުއްދަތުވެސް ކުރުކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، ޓެކްނިކަލް މުވައްޒަފުން މެދުވެރިކޮށް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް މަސައްކަތް ކުރެވޭނެތޯ ބެލުމެއް ނެތި، ބިޑް ކޮމިޓީން ވަނީ ދެވަނައަށް ދިޔަ ފަރާތަށް މަސައްކަތް ދީފައެވެ.

ތަޖުރިބާއެއް ނެތް ފަރާތަކާ މަސައްކަތް ހަވާލުކުރުން

މި މަސައްކަތް ހަވާލުކުރި ފަރާތަކީ ފަންނީ ގޮތުން އެ މަސައްކަތް ކުރެވޭނެ ފަރާތެއްކަން ކައުންސިލުން ކަށަވަރުކޮށްފައެއް ނުވެއެވެ. ބިޑް ޑޮކިއުމަންޓުގައި ތަޖުރިބާއަށް މާކްސް ދޭން އޮތް ނަމަވެސް، ހޮވުނު ކޮންޓްރެކްޓަރު އެއްވެސް ތަޖުރިބާގެ ލިޔުމެއް ހުށަހަޅާފައި ނުވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ.

ލިޔުންތައް ފޯޖުކުރުމާއި އޮޅުވާލުން

މަސައްކަތް ލަސްވުމާ ގުޅިގެން، ތަކެތި ލިބެން ނެތް ކަމަށް ބުނެ ކޮންޓްރެކްޓަރު ވަނީ އެސްޓީއޯ މަރަދޫފޭދޫ ފިހާރައިގެ ނަމުގައި ސައްހަ ނޫން ފޯމުތަކެއް ހުށަހަޅާފައެވެ. އޮޑިޓަރުން އެސްޓީއޯ މެދުވެރިކޮށް ބެލިބެލުމުން، ކޮންޓްރެކްޓަރު ލިބެން ނެތް ކަމަށް ބުނި ގިނަ ތަކެތި (ޖީއައި ޕައިޕް ފިޔަވައި) އެ ތާރީހުތަކުގައި ލިބެން ހުރިކަން ވަނީ ކަށަވަރުވެފައެވެ. މިއީ މުއްދަތު އިތުރުކުރުމަށްޓަކައި ކޮންޓްރެކްޓަރު ހިންގާފައިވާ ބޮޑު އޮޅުވާލުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުގެ ލަފާ

މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ލަފާދީފައެވެ. އެގޮތުން ވަކި ފަރާތަކަށް މަންފާވާ ގޮތަށް ބިޑް އެވޯޑުކޮށްފައިވާތީ، މިއީ ޖިނާއީ ކުށެއްގެ މައްސަލައެއްކަމަށް ފެންނަނަމަ ތަހުޤީޤީ އިދާރާތަކަށް ފޮނުވުމަށާއި، ސައްޙަ ނޫން ލިޔުންތައް ހުށަހަޅާފައިވާ ކޮންޓްރެކްޓަރު ސަސްޕެންޑް ކުރުމަށް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކައުންސިލުން ހިންގާ މަޝްރޫއުތައް ގަވާއިދުން މޮނިޓާކޮށް، ކޮންޓްރެކްޓަރުން ޒިންމާދާރުކުރުވުމަށްވެސް ވަނީ އަންގާފައެވެ.

މި މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން މަރަދޫ ރައްޔިތުންނަށް މަސް މާރުކޭޓުގެ ހިދުމަތް ނުލިބި، ދައުލަތުގެ ބޮޑު ހަރަދެއް މިކަމަށް ބޭކާރުވަމުންދާކަން އޮޑިޓް ރިޕޯޓުގައި ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450