ދުނިޔެ

ރަޝިޔާއިން ޔުކްރެއިނަށް 188 ޑްރޯން ފޮނުވައިލައިފި: ރެކޯޑު އަދަދެއް

ރަޝިޔާއިން ޔުކްރެއިނަށް 188 ޑްރޯން ފޮނުވައިލައިފި: ރެކޯޑު އަދަދެއް

ރަޝިޔާއިން ޔުކްރެއިނަށް ދިން ހަމަލާ ފޮޓޯ: އަލްޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ނޮވެމްބަރު 2024، 01:17

27 ނޮވެމްބަރު 2024، 01:17

ރަޝިޔާއިން ޔުކްރެއިންގެ 17 ސަރަޙައްދަކަށް 188 ޑްރޯން ފޮނުވައިލައިފިކަމަށް ޔުކްރެއިންގެ އެއަރ ފޯސްއޯސްއިން އަންގާރަ ދުވަހު ބުނެފިއެވެ. މިއީ ރަޝިޔާއިން އެއްފަހަރާ ފޮނުވި އެންމެ ގިނަ އަދަދުގެ ޑްރޯންތަކެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވީ މި ހަމަލާއަކީ ރަޝިޔާގެ އަމާޒުތައް ޙަޤީޤީ ސުލްޙައާ އެއްވެސް ގުޅުމެއް ނެތްކަމުގެ ހެއްކެއް ކަމަށެވެ. ޔޫކުރޭންއިންގިނަ ޑްރޯންތައް  ވައްޓާލެވިފައި ނުވަތަ ނައްތާލެވިފައިވީ ނަމަވެސް، މި ހަމަލާގައި އެޕާޓްމަންޓް އިމާރާތްތަކާއި ކަރަންޓު ވިއުގައަށް ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސުމީ ސަރަޙައްދުގައި ހުރި ޕެޓްރޯލް ސްޓޭޝަނަކަށް ރަޝިޔާއިން ދިން ހަމަލާއެއްގައި މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށާއި، އެ ހަމަލާގައި ރިހާބިލިޓޭޝަން ސެންޓަރަކާއި ކުޑަކުދިންގެ  ނާސަރީ އަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާއިން ޔުކްރެއިނަށް ދީފައިވާ ދުރު ހަމަލާ ދެވޭ މިސައިލްތަކުން ރަޝިޔާގެ އެތެރެއަށް ހަމަލާ ދިނުމުގެ ހުއްދަ ބައިޑެން ވަނީ ދެއްވާފައެވެ. މިގޮތުން ނޮވެމްބަރު 19 ގައި ޔުކްރެއިނުން ވަނީ އެމެރިކާގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އޭޓީއޭސީއެމްއެސް) ބޭނުންކޮށްގެން ފުރަތަމަ ހަމަލާ ދީފައެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޔުކްރެއިނުން ދިން ހަމަލާގައި ރަޝިޔާގެ އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބި، އަސްކަރީން ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިކަމުގެ ބަދަލު ހިފުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރަޝިޔާގެ ސްޓޭޓް ޑޫމާގެ ސްޕީކަރ ވިޔަޗެސްލަވް ވޮލޮޑިން ވިދާޅުވެފައިވަނީ ހަނގުރާމައިގެ ކަންކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ބާރުއަޅުއްވާ ކަމަށާއި، މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ޔޫރަޕުގެ ރައްޔިތުންނަށް ގެއްލުން ލިބިދާނެ ކަމަށެވެ.
                    

މި ލިޔުން ކިޔާލުމުން