ޚަބަރު
ކުވައިތާ ބަޙްރެއިނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ކުވައިތަށް އިރާނުން ހަމަލާދިނުން. ފޮޓޯ: އޮމިޑްރޭޑިއޯ
ބަޙްރެއިނާއި ކުވައިތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ބަޙްރެއިނާއި ކުވައިތުގެ އިސްތިގުލާލަށް އަރައިގަތުމުގެ ކަނޑައެޅިގެން ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ދިވެހިރާއްޖެއިން ވަނީ ބަޙްރެއިނާއި ކުވައިތުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފައެވެ. އަދި އެ ގައުމުތަކުގެ އިސްތިގުލާލާއި، ސަލާމަތާއި، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް ޚާރިޖިއްޔާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ސުލްހަވެރި ހައްލެއް ހޯދުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ޑިޕްލޮމެޓިކް އުސޫލުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަންވެސް ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.