ޚަބަރު
ޙައްޖުވެރީންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ފުރައިފި
ފުރުމަށްޓަކައި ޙައްޖުވެރިން މަދީނާ އެއާރޕޯޓަށް ދިއުން / ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގްރޫޕް އަނބުރާ ރާއްޖެ އައުމަށްޓަކައި މަދީނާ އެއާރޕޯޓުން މިއަދު ފުރައިފިއެވެ
ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފްލައިޓަކީ ޓްރާންސިޓް ފްލައިޓެއް ކަމުން، އެ ފްލައިޓަށް ރާއްޖެ އާދެވޭނެކަމަށް ލަފާ ކުރެވެނީ މިރޭގަ 8 ޖަހާކަށް ހާއިރުއެވެ.
ޙައްޖާޖީން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހެއްގެ މަތިންނެވެ. އެގޮތުން ދެވަނަ ފްލައިޓް މި މަހުގެ 7ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު 3ވަނަ ފްލައިޓް އަންނާނީ 8ވަނަ ދުވަހުއެވެ. އަދި ފަހު ފްލައިޓް އަންނާނީ 9ވަނަ ދުވަހުއެވެ.
ޙައްޖުވެރިން ރާއްޖެއައުމަށް ދަތުރު ފަށާފައި މިވަނީ މަދީނާގައި ދެ ދުވަސް ހޭދަކޮށް، ރައުޟާ އާޢި ޤުބާ އަދި އުހުދުގެ މައިދާނަށް ޒިޔާރަތްކުރެއްވުމަށްފަހުއެވެ.
މި އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖުވުމަށް 1.7 މިލިއަނަށް ވުރެ ގިނަ މީހުން ސަޢުދީއަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ކަމާގުޅުންހުރި އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.