Ads by Farudhun

ޚަބަރު

ޙައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އައުމަށް މަދީނާ އެއަރޕޯޓުގައި

ޙައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އައުމަށް މަދީނާ އެއަރޕޯޓުގައި

ޙައްޖާޖީންގެ ދެވަނަ ގްރޫޕް ރާއްޖެ އައުމަށް މަދީނާ އެއަރޕޯޓަށް އައުން ފޮޓޯ: ޙައްޖު މިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖޫން 2026، 09:18

07 ޖޫން 2026، 09:18

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ރާއްޖެއަށް އެނބުރި އައުމަށް ހަމަޖެހިފައިވާ ދިވެހި ޙައްޖާޖީންގެ ދެވަނަ ފްލައިޓުގެ މީހުން މަދީނާގެ ޕްރިންސް މުޙައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓަށް ހާޒިރުވެއްޖެއެވެ.

މޯލްޑިވްސް ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާނެ ކަމަށް ބެލެވެނީ މިއަދު ހަވީރު ރާއްޖެ ގަޑިން 17:40 ގައެވެ.

ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހު (ޖޫން 5) އެވެ. އެ ގްރޫޕުގައި 241 ޙައްޖުވެރިން ދަތުރުކޮށްފައިވެއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ފަރާތްތައް މައްކާއަށް ދަތުރު ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ޖުމްލަ 4 ފްލައިޓެއްގައި ޙައްޖުވެރިން ސައުދީއަށް ދަތުރުކޮށްފައިވާއިރު، އެ ދަތުރުތައް ކުރީ ސައުދިއާ އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓުތަކުގައެވެ.

ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށްވެސް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މިއަދު އަންނަ ދެވަނަ ފްލައިޓަށްފަހު، ދެން ބާކީ ތިބި ޙައްޖުވެރިން ރާއްޖެ އަންނާނީ ހޯމަ އަދި އަންގާރަ ދުވަހުއެވެ.

އެގޮތުން 3 ވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. އެއީ ސައުދިއަރ އެއަރލައިންގެ ފްލައިޓެކެވެ. އަދި ޙައްޖާޖީންގެ އެންމެ ފަހު ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވާ އަންގާރަ ދުވަހުގެ ދަންވަރު 12:00 އެހާކަށްހާއިރުއެވެ. މި ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް ޙައްޖަށް ދިއުމަށް ލިބޭ 1000 ކޯޓާގެ ދަށުން، މިއަހަރުވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. މިފަރާތްތައް ޙައްޖަށް ފޮނުވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފައިސާ ދައްކާފައިވާ ތަރުތީބުން ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450