ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ހިއްސާ އޮންނަންޖެހޭ ޒިންމާއެއް: މެޑަމް ސާޖިދާ
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ލަންކާގެ ގުޑް މާކެޓް ބައްލަވާލެއްވުން ފޮޓޯ:ރައީސް އޮފީސް
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޚާއްޞަ މެސެޖެއް ދެއްވާފައެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި ވިދާޅުވެފައިވަނީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އެފަދަ ބަލިތަކުގެ ސަބަބުން ދުނިޔޭގެ ސިއްޙީ ނިޒާމުތަކަށާއި އާންމު ދިރިއުޅުމަށް ކުރިމަތިވާ ބުރަ ކުޑަކުރުމަށްޓަކައި، ރައްކާތެރި ކާބޯތަކެތި ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ހިއްސާ އޮންނަންޖެހޭ ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ސިއްޙީ ދާއިރާގެ މާހިރުންގެ އިތުރުން ކޮންމެ ފަރުދަކީވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ މީހެއް ކަމަށެވެ. އަދި އުފައްދާ، ތައްޔާރުކުރާ، ވިއްކާ އަދި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެންމެހާ ތަކެއްޗަކީ ތަޣައްޔަރުވުމުންނާއި ގެއްލުންހުރި މާއްދާތަކުން ސަލާމަތްވެފައިވާ ތަކެތިކަން ކަށަވަރުކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، އެންމެން ގުޅިގެން މަސައްކަތްކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އާދަތަކަށް އަހުލުވެރިވުމަކީ އާންމު ސިއްޙަތު ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. މިގޮތަށް އަމަލުކުރުމުން މުޖުތަމައުއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވެވި، އެންމެހާ ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރުތައް ބިނާވެފައިވަނީ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، އޭގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ކުރާ ފައިދާގެ މައްޗަށެވެ.
On this #WorldFoodSafetyDay, we are reminded of the crucial role that safe food plays in eliminating foodborne diseases and minimising the heavy burden they place on healthcare systems and livelihoods around the world.
— First Lady Sajidha Mohamed (@sajidhaamohamed) June 7, 2026
Food safety is a shared responsibility. From food… pic.twitter.com/PnEdImIhmK