ވިޔަފާރި / ޚަބަރު

ކޮލޮމްބޯގައި ތާށިވެފައި ހުރި 4،000 ކޮންޓެއިނަރު ރާއްޖެ ގެނެސްފި

ކޮލޮމްބޯގައި ތާށިވެފައި ހުރި 4،000 ކޮންޓެއިނަރު ރާއްޖެ ގެނެސްފި

އެމްޕީއެލް އަށް މުދާ އުފުލާ ބޯޓެއް ފޮޓޯ: އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖޫން 2026، 04:20

07 ޖޫން 2026، 04:20

މާލޭ ވިޔަފާރި ބަނދަރަށް މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި، ސްރީލަންކާގެ ކޮލޮމްބޯ ޕޯޓުގައި ނުގެނެވި ތާށިވެފައި ހުރި 4،000 އަށްވުރެ ގިނަ ކޮންޓެއިނަރު މާލެ ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލޭ ބަނދަރުން މުދާ ބޭލުން ލަސްވެ، ކޮލޮމްބޯ މަގުން ރާއްޖެއަށް މުދާ ގެނައުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެމްޕީއެލް އިން ބުނި ގޮތުގައި މި ދަތިތައް ކުރިމަތިވީ ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުގެ އަދަދު އިތުރުވުމާއި، ބައެއް ބޯޓުފަހަރުން ކުރިއަށްވުރެ ގިނަ އަދަދަކަށް ކޮންޓެއިނަރު ގެނައުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ބަނދަރުގެ ޖާގައިގެ ދަތިކަމާ ހުރެ އުފެދުނު ބޮޑު ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ނަމަވެސް، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮލޮމްބޯގައި ޖަމާވެފައި ހުރި 4،000 އަށްވުރެ ގިނަ ޓީ.އީ.ޔޫ (20 ފޫޓުގެ ކޮންޓެއިނަރު) މިހާރު ވަނީ ރާއްޖެ ގެނެސް ނިންމާފައެވެ. އަދި މިހާރު ދެ ބަނދަރުގެ ދެމެދުގައި މުދާ އުފުލާ ބޯޓުތައް ދަތުރުކުރަމުން ދަނީ އާންމު ހާލަތުގައި (ނޯމަލް ޝެޑިއުލް) ކަމަށް އެ ކުންފުނިން ބުނެއެވެ.

ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ 100 މީޓަރުގެ ކީވޯލާއި ޕޭވިންގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އަމާޒަކީ އަންނަ އޮކްޓޯބަރު މަހަށް މަސައްކަތް ނިންމައި، އެ ސަރަހައްދުގައި ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ ޚިދުމަތް ފެށުމެވެ.

މީގެ އިތުރުން، ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމުން، އެތަން ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ "ސާވިސް ކީ" އެއްގެ ގޮތުގައެވެ. އެމްޕީއެލް އިން ފާހަގަކުރި ގޮތުގައި ބަނދަރުގެ އޮޕަރޭޝަންތަކަށް ދިމާވެފައިވާ ހުރިހާ މައްސަލައަކަށް ފުރިހަމަ ހައްލެއް ލިބޭނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުންނެވެ. އެ މަސައްކަތްވެސް މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރިއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450