ޚަބަރު
ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގައި "ކާމް ރޫމް" ހުޅުވައިފި
ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގައި "ކާމް ރޫމް" ހުޅުވުން ފޮޓޯ:ވީއައިއޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ބޭރުފުށުން ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ނުވަތަ 'ނަން-ވިޒިބަލް ޑިސްއެބިލިޓީސް' ހުންނަ ފަރާތްތަކަށް ޚާއްސަ 'ކާމް ރޫމް' އެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން، އެއަރޕޯޓުގެ ޓާމިނަލް 1 ގައި ޤާއިމްކުރި މި ކާމް ރޫމް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
"ބޮލި" މި ނަމުގައި ތަޢާރަފްކުރި މި ޚިދުމަތަކީ، އެއަރޕޯޓުގެ ހަލަބޮލި މާހައުލުގެ ސަބަބުން ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށް، ހިތްހަމަޖެހުމާއެކު ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފެށި މަސައްކަތެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެއަރޕޯޓުތަކުގައިވެސް މިފަދަ ޚިދުމަތްތައް ދެމުންދާއިރު، މިއީ ރާއްޖޭގެ މައި ދޮރާށީގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކާމް ރޫމް ފަރުމާކޮށްފައިވަނީ ސެންސަރީ ވަސީލަތްތަކާއި، ތަފާތު އެކްޓިވިޓީތައް ހިމެނޭ ގޮތަށެވެ. އަދި ފަސިންޖަރާއެކު އަންނަ ބެލެނެވެރިއަކަށްވެސް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު މިތަނުގައި ވަނީ ހަމަޖައްސާފައެވެ.
މި ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއެކު ކާޑެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ލެންޔާޑުގެ ސަބަބުން، އެއަރޕޯޓުގެ މުވައްޒަފުންނަށް އެއީ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްކަން ފަސޭހައިން ދެނެގަނެވި، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.
އެމް.އޭ.ސީ.އެލްގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކީވެސް ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމެވެ.