ވިޔަފާރި / ޚަބަރު
ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި
ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: ބީއެމްއެލް
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯންގް ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް 'CCC-' ގައި ކަނޑައަޅައި، ބޭންކުގެ އައުޓްލުކް 'ސްޓޭބަލް' ކޮށްފިއެވެ.
ފިޗް އިން ބީއެމްއެލްގެ ރޭޓިންގް އާންމުކޮށްފައިވަނީ މި މަހުގެ ކުރީކޮޅު ދިވެހި ދައުލަތުގެ ސޮވަރިންގ ލޯންގް-ޓާމް ފޮރިން ކަރަންސީ ރޭޓިންގް 'CCC-' އަށް މަތިކުރުމާ ގުޅިގެންނެވެ. ދައުލަތުގެ ރޭޓިންގް މަތިކުރުމުގެ މައިގަނޑު ސަބަބަކީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދައްކާފައިވުމާއި، އާމްދަނީ އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންނަވަމުންދާ އިސްލާހީ ބަދަލުތަކެވެ.
ފިޗްގެ މި ވަޒަންކުރުމުގައި ބީއެމްއެލްގެ ލޯކަލް ކަރަންސީ ލޯންގް ޓާމް IDR ވަނީ 'CCC+' ގައި ކަނޑައަޅާފައެވެ. މިއީ ދައުލަތުގެ ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ. މިއިން ދޭހަކޮށްދެނީ ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަމާއި، އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައިވެސް ސާބިތުކަމާއެކު ދެމިއޮތުމުގެ ގާބިލުކަން ބޭންކަށް ލިބިފައިވާ މިންވަރެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްގެ މާކެޓް ލީޑަޝިޕާއި، ފުޅާ ނެޓްވޯކްގެ އިތުރުން ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ފިޗް އިން ވަނީ ފާހަގަކޮށްފައެވެ. ބޭންކުގެ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭންކުގެ މަސައްކަތުގެ ފުޅާމިން އެހީތެރިވެދޭކަމަށް ފިޗް އިން ބުނެއެވެ. މީގެ އިތުރުން، ބޭންކުގެ ކެޕިޓަލް މިންވަރު ހަރުދަނާކޮށް ހުރުމާއި، ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުން ބޭންކުގެ ރިޒާވް ވަރުގަދަކޮށް ބެލެހެއްޓިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތަދުކަމުގެ ސަބަބުން ބޭންކިންގ ދާއިރާއަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ބީއެމްއެލްގެ ވަރުގަދަ ޑިޕޮސިޓް ބޭސްއާއި ހަރުދަނާ ލިކުއިޑިޓީ މެނޭޖްމަންޓުގެ ސަބަބުން އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ފިޗް އިން ގަބޫލުކުރެއެވެ.
މި ރޭޓިންގްއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މިއިން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި މާކެޓުގައި އޮތް ލީޑަރޝިޕް ކަމަށެވެ.
މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި، ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް،
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް
އާންމު އުސޫލުން ގައުމެއްގެ ސޮވަރިންގ ރޭޓިންގްއަށްވުރެ މަތީ ރޭޓިންގްއެއް އެ ގައުމެއްގެ މާލީ އިދާރާތަކަށް ނުލިބޭތީ، ބީއެމްއެލްގެ މާލީ ހާލަތު ވަރުގަދަ ނަމަވެސް، ބޭންކުގެ ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ މައްޗަށެވެ. ފިޗް އިން ވަނީ ބޭންކުގެ ލޯނުތައް ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުވެފައިވީ ނަމަވެސް، ބޭންކުގެ ތަޖުރިބާގެ އަލީގައި އެކަންކަން ހަރުދަނާކޮށް މެނޭޖްކުރެވޭކަން ފާހަގަކޮށްފައެވެ.