ވިޔަފާރި / ޚަބަރު

މަކުނުދޫ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި

މަކުނުދޫ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިފި

މަކުނުދޫ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށުން ފޮޓޯ: އެމްޓީސީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 12:22

08 ޖޫން 2026، 12:22

ހދ. އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ މަކުނުދޫގެ ރައްޔިތުންގެ ޒަމާންވީ އުންމީދެއް ކަމުގައިވާ އެރަށު އެއާޕޯޓުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މަކުނުދޫއަކީ ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އޮތުމުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުތަކަކީ އާންމުކޮށް ގަދަ ސަރަހައްދެކެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަނޑުތައް މަޑު ދުވަސްވަރުގައިވެސް މަކުނުދޫ ހިމެނޭ ސަރަހައްދުގެ ކަނޑު ގަދަވުމަކީ، ސިއްޙީ ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުން އުފުލުމުގައާއި ދަތުރުފަތުރުކުރުމުގައި އެރަށު ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

މި މަޝްރޫޢުގެ ދަށުން އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެއާޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ކުރިއަށްދަނީ އެއާޕޯޓުގެ ފިޒިކަލް މަސައްކަތްތަކެވެ. އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ސައިޓް ސެޓަޕް ހެދުމާއި، ފަޔަރ ސްޓޭޝަން އެޅުމަށް ބޭނުންވާ ސަރަހައްދު ސާފުކުރުމާއި، ބިން ކޮނުމުގެ މަސައްކަތްތައް ހިމެނެއެވެ.

މަކުނުދޫ އެއާޕޯޓް އެންމެ ފުރަތަމަ ތަރައްޤީކުރަން ނިންމާފައި އޮތީ 1500 މީޓަރުގެ ރަންވޭއަކާ އެކުގައެވެ. ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގެ ރަންވޭ 1800 މީޓަރަށް ބޮޑުކޮށްދެއްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450