ޚަބަރު
260 އަށްވުރެ ގިނަ ބައިވެރިންނާއެކު "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފި
260 އަށްވުރެ ގިނަ ބައިވެރިންނާއެކު "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ފަށައިފި
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމު ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 264 ބައިވެރިން ފޯމު ހުށަހަޅާފައިވާއިރު، އެޗްޑީސީން ވަނީ އެ ހުރިހާ ފަރާތްތަކަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީނުތައް މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.
"ވިލުންވެރި ކަނބަލުން" ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަންހެނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.

2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ނުވަތަ ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ދެނެގަނެ، އެކަންކަން އަމިއްލައަށް ހައްލުކުރަން ދަސްކޮށްދިނުމުގެ ބައިތައް މިއަހަރުގެ ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ. މި ޕްރޮގްރާމު ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށްވެސް ސެޓްފިކެޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއައިޓީ އާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މި ތަމްރީނުތަކުގެ ސަބަބުން، އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި ފަންނީ ކަންކަމަށް އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތްތަނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް އެޗްޑީސީން ވަނީ ރާވާފައެވެ