ވިޔަފާރި / ޚަބަރު / ރިޕޯޓް
ވަޒީރު ޒަރީރު : ތަޖުރިބާކާރު އަދި އެންމެ ޤާބިލު މާލީ މާހިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރަ
ދިވެހިރާއްޖޭގެ މާލީ ވުޒާރާއާ އަލަށް ހަވާލުވެވަޑައިގެންނެވި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރަކީ، ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު އަދި އެންމެ ޤާބިލު މާލީ މާހިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ދައުލަތުގެ މާލީ ނިޒާމާއި، ޓެކްސްގެ ސިޔާސަތުތަކާއި، ބޭންކިންގ އަދި އޮޑިޓްކުރުމުގެ ދާއިރާއިން 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޒަރީރު މި މަޤާމާ ހަވާލުވެވަޑައިގަތުމަކީ، ރާއްޖޭގެ އިޤްތިޞާދީ ދަތި ދަނޑިވަޅުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ތަޢުލީމީ ގޮތުން ހޯއްދަވާފައިވާ މަތީ ކާމިޔާބީތައް
ޙަސަން ޒަރީރުގެ ތަޢުލީމީ ޙަޔާތަކީ ނަމޫނާ ކާމިޔާބީތަކުން ފުރިގެންވާ ދަތުރެކެވެ. ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ އިން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް ހާސިލުކުރައްވާފައެވެ. މި ދާއިރާއިން އޭނާ ވަނީ 4.0 އިން 3.763 ގެ މަތީ ސީ.ޖީ.ޕީ.އޭ އެއް ހޯއްދަވައި، 2006 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެންމެ މޮޅު ދަރިވަރުގެ ޝަރަފުވެރި އެވޯޑް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ބެޗްލަރ އޮފް އެކައުންޓިންގ ހާސިލުކުރެއްވިއިރުވެސް އެބޭފުޅާ ވަނީ "ޑީންސް ލިސްޓް" އިން ޖާގަ ހޯއްދަވައި، މެނޭޖްމަންޓް އެކައުންޓިންގ ފަދަ މާއްދާތަކުން މުޅި ޔުނިވަރސިޓީން އެންމެ މޮޅު ނަތީޖާ ހޯއްދަވާފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގެ ފަންނީ ސަނަދުތައް
ވަޒީރު ޒަރީރަކީ ހަމައެކަނި އެކަޑެމިކް ދާއިރާއިން ކުރިއަރާފައިވާ ބޭފުޅެއް ނޫނެވެ. އެބޭފުޅާއަކީ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ މާލީ ދާއިރާގެ އެންމެ މަތީ ފަންނީ ސަނަދުތައް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ "ޗާޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް" ގެ ފެލޯ މެންބަރެއްގެ އިތުރުން، ސީ.ޕީ.އޭ އޮސްޓްރޭލިއާގެ މެންބަރެއްވެސް މެއެވެ. މިއީ އިސްތިރާޖީ މާލީ މެނޭޖްމަންޓާއި، ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓްގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އެންމެ މަތީ ސަނަދުތަކެވެ.

ޓެކްސްގެ ނިޒާމު ހަރުދަނާކުރެއްވުމުގެ އިސް ސަފުގައި
ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަރީރު އެންމެ ފާހަގަކުރެވޭ މަސައްކަތެއް ކުރެއްވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައެވެ. ގާތްގަނޑަކަށް 10 އަހަރު ވަންދެން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ފުރުއްވައި، ފަހުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމާ ހަވާލުވެވަޑައިގަންނަވާފައެވެ. ރާއްޖޭގެ ޓެކްސްގެ ނިޒާމު ޒަމާނީކުރުމާއި، އޮޓޮމޭޓްކުރުމާއި، ބޭރުގެ ޤައުމުތަކާއެކު "ޑަބަލް ޓެކްސޭޝަން" އިން ސަލާމަތްވުމުގެ އެއްބަސްވުންތައް އެކުލަވައިލުމުގައި ވަޒީރު ޒަރީރު އަދާކުރެއްވި ދައުރަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ބައިނަލްއަޤްވާމީ ޝަރަފު
ވަޒީރު ޒަރީރުގެ ޤާބިލުކަން ޤަބޫލްކުރަނީ ހަމައެކަނި ރާއްޖެއަކަށް ނޫނެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަޒީރު ވަނީ "އޭޝިއާ އިނިޝިއޭޓިވް އޮފް ދަ ގްލޯބަލް ފޯރަމް އޮން ޓެކްސް ޓްރާންސްޕޭރެންސީ" ގެ ކޯ-ޗެއަރގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އޯ.އީ.ސީ.ޑީ ގެ ދަށުން ހިންގާ މި ޖަމުޢިއްޔާގެ މިފަދަ މަތީ މަޤާމަކަށް ދިވެއްސަކު ހޮވުމަކީ މުޅި ރާއްޖެއަށް ލިބުނު ފަޚުރެކެވެ. މިއީ ބައިނަލްއަޤްވާމީ މާލީ މައިދާނުގައި ވަޒީރު ޒަރީރުގެ އިލްމީ އަދި ފަންނީ ހުނަރަށް އޮތް ބޮޑު އިތުބާރެއްގެ ހެކިލިބޭ ކަމެކެވެ.
ޕްރައިވެޓް ސެކްޓަރާއި ކޯޕަރޭޓް ގަވަރނަންސްގެ ތަޖުރިބާ
ސަރުކާރުގެ އިތުރުން އަމިއްލަ ދާއިރާގައިވެސް ވަޒީރު ޒަރީރު ވަނީ ނުފޫޒުގަދަ މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަންގެ މަޤާމާއި، ވިލާ ގްރޫޕްގެ ފައިނޭންޝަލް ސާވިސަސްގެ ޑައިރެކްޓަރުކަމާއި ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަޤާމު ހިމެނެއެވެ. މި މަޤާމުތަކުގެ ސަބަބުން، ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތަކާއި، ކުންފުނިތަކުގެ މާލީ ހިންގުން ހަރުދަނާކުރާނެ ގޮތުގެ ފުރިހަމަ ތަޖުރިބާ ވަނީ ލިބިވަޑައިގެންފައެވެ.

ދައުލަތުގެ މާލީ އިޞްލާޙުގެ ބާނީއެއް
މިނިސްޓްރީ އޮފް ފިނޭންސްގައި ކުރިން މަސައްކަތް ކުރެއްވި ދުވަސްވަރު، "ޕަބްލިކް ފައިނޭންސް ރިފޯމް" ޕްރޮޖެކްޓްގެ އޮޕަރޭޝަންސް މެނޭޖަރުގެ ހައިސިއްޔަތުން، ދައުލަތުގެ މާލީ ހިސާބުތައް ބަލަހައްޓާ ނިޒާމު ޒަމާނީކުރުމުގައި ވަޒީރު ޒަރީރު މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. ސަރުކާރުގެ ވުޒާރާތަކުގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަކަށް ބެލެހެއްޓުމާއި، ކޭޝް މެނޭޖްމަންޓް ހަރުދަނާކުރުމަކީ އެބޭފުޅާގެ އިރުޝާދުގެ ދަށުން ކުރެވުނު މުހިންމު އިޞްލާޙުތަކެކެވެ.
ވަޒީރު ޒަރީރު ވަނީ ބީ.އެމް.އެލް، ސްޓެލްކޯ، މޯލްޑިވްސް ޕޯސްޓް، އެމް.ޓީ.ޑީ.ސީ އަދި ސާކް ޑިވެލޮޕްމަންޓް ފަންޑު ފަދަ އެތައް ބޯޑުތަކެއްގައި ޚިދުމަތް ކުރައްވާފައެވެ. މިއީ ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތައް ހިންގުމުގައި ފަންނީ ލަފާގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.
ވަޒީރު ޙަސަން ޒަރީރަކީ ޓެކްސް، ބޭންކިންގ، އޮޑިޓިންގ، އަދި އިޤްތިޞާދީ ސިޔާސަތުތަކަށް ކެރިގެން ކުރިމަތިލައްވާނެ ޤާބިލު ވެރިއެކެވެ. ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމާއި، ދައުލަތުގެ ދަރަނި މެނޭޖްކުރުމާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ވަޒީރު ޒަރީރުގެ ތަޖުރިބާއަކީ އަގުނުކުރެވޭނެ ރަންގަނޑެކެވެ. އެބޭފުޅާގެ ލީޑަރޝިޕްގެ ދަށުން ރާއްޖޭގެ މާލީ ދާއިރާއަށް އައު އުންމީދުތަކެއް ލިބިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.