Ads by Farudhun

ޚަބަރު

ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް- އެމްއޭސީއެލްގެ ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް- އެމްއޭސީއެލްގެ ސީއީއޯ

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 05:12

08 ޖޫން 2026، 05:12

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން "ނަން-ވިޒިބަލް ޑިސްއެބިލިޓީސް" ނުވަތަ ބޭރުފުށުން ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ކާމް ރޫމް" އެއް އިއްޔެ ވަނީ ހުޅުވައިފިއެވެ.

އެއާޕޯޓުގެ "ބޮލި" އިނިޝިއޭޓިވްގެ ދަށުން ގާއިމުކުރި މި ކާމް ރޫމް ހުޅުއްވައިދެއްވީ ވީއައިއޭގެ ޓަރމިނަލް 1 ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިއީ ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ މިފަދަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެން ދިޔަ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި މިފަދަ "ކާމް ރޫމް" އެއް ގާއިމުކުރުމަކީ އެއާޕޯޓުގެ އިންކްލޫސިވް ޚިދުމަތްތަކުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި އޯޓިޒަމް އެސޯސިއޭޝަނުން ވެދެއްވި އެހީތެރިކަމަށްޓަކައި ޝަރީފް ވަނީ އެ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުމެވެ. މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް އެއާޕޯޓުގައި ގާއިމުކުރުމަށް ސަރުކާރާއި ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450