Ads by Farudhun

ޚަބަރު

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 15 އަށް

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 15 އަށް

ހިމަބިހި ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ޖޫން 2026، 12:03

09 ޖޫން 2026، 12:03

ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ޤައުމަކަށް ވީނަމަވެސް، ފާއިތުވި ދުވަސްތަކުގައި މި ބަލީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ ހާލަތު ވަރަށް ގާތުން މޮނީޓަރު ކުރަމުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ފުރަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް ޖުމްލަ 15 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 4 މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް މި ބަލި ފެނިފައިވަނީ ހަމައެކަނި މާލެ ސަރަހައްދުންނެވެ.

ދުނިޔޭގެ އެކި ޤައުމުތަކާއި އަވައްޓެރި ޤައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް، އެޗްޕީއޭއިން ވިދާޅުވީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރުމާއި ދިވެހިން ރާއްޖޭއިން ބޭރަށް ދަތުރުކުރުމަކީ ބަލި ފެތުރުމަށް އޮތް ފުރުސަތެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގައި މީގެ ކުރިން ކުރިއަށްގެންގޮސްފައިވާ ވަރުގަދަ ވެކްސިން ކެމްޕޭންތަކުގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑުވުމުގެ ފުރުސަތު ކުޑަކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަތުމަށް އެ އިދާރާއިން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، ވެކްސިން ނުޖަހާ ފަރާތްތަކާއި ވެކްސިން ޖެހިކަން ކަށަވަރުނުވާ ފަރާތްތަކަށް އަމާޒުކޮށްގެން އައު ވެކްސިން ކެމްޕޭނެއް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ. މިވަގުތު ވެކްސިން ދެމުންދަނީ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ފަރާތްތަކަށެވެ.

ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ ހިމަބިހީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށާއި، ގިނަގިނައިން އަތްދޮވުމަށާއި، ބަލީގެ ޢަލާމާތްތައް ހުންނަ ފަރާތްތައް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ ބާރުއަޅާފައެވެ.

ޚާއްޞަކޮށް ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުކަމުން، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަކީ މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަންތައް ކަމުގައި އެޗްޕީއޭއިން ވިދާޅުވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450