ޚަބަރު
ސިންގަލް ޔޫސް ޕްލާސްޓިކްގެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަނީ
ޕްލާސްޓީކް ކޮތަޅު ފޮޓޯ: ގޫގުލް
ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން އެކުލަވާލި މި ގަވާއިދަކީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި އުފެއްދުން، އިމްޕޯޓްކުރުން އަދި ބާޒާރަށް ނެރުން ހުއްޓުވައި އެކަމަށް ފިޔަވަޅު އެޅުމެވެ.
މި ގަވާއިދު ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށެވެ.
ގަވާއިދުގައިވާ ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ހާއްސަ 'ފޭސްއައުޓް ޕްލޭން' އެއް އެކުލަވާލަން ޖެހެއެވެ. މި ޕްލޭން ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެއެވެ. މި ޕްލޭން އެކުލަވާލުމުގައި ތިމާވެއްޓާއި އިގްތިސާދަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކޮށް، ކަމާގުޅޭ ފަރާތްތަކުގެ މަޝްވަރާ ހޯދަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގަން މިނިސްޓްރީއަށް ވަނީ ލާޒިމްކޮށްފައެވެ. މި ޕްރޮގްރާމްތަކުގައި:
ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރަން ޖެހުނު ސަބަބުތައް އޮޅުންފިލުވައިދިނުން.
ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތި ތައާރަފްކުރުން.
މަނާކުރާ ބާވަތްތަކުގެ ތާރީހުތައް ދުރާލައި ހަނދާންކޮށްދިނުން ހިމެނެއެވެ.
ނަމަވެސް، ބައެއް ހާލަތްތަކުގައި މި ގަވާއިދުން އިސްތިސްނާ ލިބެއެވެ. އެގޮތުން ބައިނަލްއަގްވާމީ އެއާލައިންތަކުގެ ޝިޕްސްޓޯގެ ގޮތުގައި ގެންނަ ތަކެއްޗާއި، ޑިއުޓީ ފްރީ ސަރަހައްދުގައި ބޭނުންކުރަން ގެންނަ ތަކެތި މި ގަވާއިދަކުން މަނައެއް ނުކުރެއެވެ.
ޕްލާސްޓިކް ކޮތަޅުގެ މިންގަނޑުތައް ކަށަވަރުކުރުމަށްޓަކައި ކޮތަޅުގެ ބޯމިން މިންކުރާނެ ހާއްސަ އުސޫލެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮތަޅުގެ ހަތަރު ތަނަކުން މިންކުރުމަށްފަހު އެވްރެޖް ބޯމިން ބަލާނީ މައިކްރޯނުން މިންކުރާ ހާއްސަ އާލާތެއް ބޭނުންކޮށްގެންނެވެ.