ޚަބަރު
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި
ފިލިޕީންސްއަށް އައި ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި
ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް 2026 ޖޫން 8 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ފާޑިނަންޑް ރޮމުއަލްޑޭޒް މާކޯސް ޖޫނިއަރއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް ބޮޑެތި އަނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ. މި ބާރުގަދަ ބިންހެލުމަކީ މިންޑަނާއޯ ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއެކެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފިލިޕީންސްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވާފައެވެ. މީގެ އިތުރުން، މި ކާރިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާއާ ގުޅިގެން އެ ޤައުމުގެ ހާލަތު އާންމު ހާލަތަކަށް ގެނައުމަށާއި، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.