ދުނިޔެ

އިރާނުގެ މައްޗަށް ކުރިހޯދައި ދެ ހަފުތާ ތެރޭގައި 'ފުރިހަމަ ކާމިޔާބީ' އިއުލާނު ކުރާނެ: ޓްރަމްޕް

އިރާނުގެ މައްޗަށް ކުރިހޯދައި ދެ ހަފުތާ ތެރޭގައި 'ފުރިހަމަ ކާމިޔާބީ' އިއުލާނު ކުރާނެ: ޓްރަމްޕް

އެމެރިކާގެ ރައީށް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ވައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2026، 03:41

09 ޖޫން 2026، 03:41

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިރާނުގެ މައްޗަށް އެމެރިކާއިން "ފުރިހަމަ ކާމިޔާބީ" އިއުލާނު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އޭނާގެ ގާތް މީހެއް ކަމަށްވާ ސެނެޓަރ ލިންޑްސޭ ގްރަހަމްއަށް ތާއީދު ހޯއްދެވުމަށް ބޭއްވި ޓެލެރެލީއެއްގައި ވާހަކަ ދައްކަމުންމެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ވަރުގަދަ ޓީމެއް، އަދި އަޅުގަނޑު ގަބޫލުކުރަނީ މި ހަނގުރާމައިގައި އަޅުގަނޑުމެން މިދަނީ ކާމިޔާބު ހޯދަމުން ކަމަށް. އެކަމަކު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ފުރިހަމަ ކާމިޔާބީ އިއުލާނު ކުރުމުން ހަގީގީ މޮޅުވުން ލިބިގެންދާނެ،" ޓްރަމްޕް ބުނެފައިވެއެވެ. މީގެ އިތުރުން މި ކާމިޔާބީއާއެކު ތެލުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޓްރަމްޕްގެ މި ވާހަކަތައް އައިސްފައިވަނީ އިރާނާއި އިސްރާއީލާ ދެމެދު އުފެދުނު ނުތަނަވަސްކަން ކުޑަކުރުމަށް އެއްބަސްވުމަކަށް އައިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އިރާނުން ވަނީ އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ނަމަވެސް ލުބުނާނުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ.

އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވަނީ އެމެރިކާއިން އިރާނުގެ މުދަލާއި ފައިސާ ހިފަހައްޓާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، އިރާނުގެ މުދާ ހިފެހެއްޓުމާ ގުޅޭގޮތުން ފަޚުރުވެރިކަމާއެކު ވާހަކަދައްކަވާ ވީޑިއޯއެއް ހިއްސާކުރައްވައި، އެމެރިކާގެ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހަމަލާތައް ހުއްޓާލުމަށް ޓްރަމްޕް ދިން އިންޒާރާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫ އަމަލުކުރާނެ ގޮތަކާމެދު އެ ގައުމުގެ ސިޔާސީ އަދި އަސްކަރީ މާހިރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ދަނީ ހިނގަމުންނެވެ. ބައެއް މާހިރުން ލަފާދެނީ ޓްރަމްޕާ ދެކޮޅަށް ނަތަންޔާހޫ ތެދުވާންޖެހޭ ކަމަށާއި، އިސްރާއީލުގެ އިސްތިރާޖީ މަސްލަހަތުތަކަށް އިސްކަންދޭންޖެހޭ ކަމަށެވެ.

މިހާރު ހިނގަމުންދާ އަސްކަރީ ހަރަކާތްތަކަކީ ސިޔާސީ މަޝްވަރާތަކުގެ ބައެއްގެ ގޮތުގައި ބެލެވޭއިރު، މަސްރަހު ފިނިކުރުމުގައި ޓްރަމްޕްގެ ސަރުކާރުން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ. ނަމަވެސް އަދިވެސް ފުރިހަމަ ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައި ނުވާތީ، މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450