ދުނިޔެ
އިސްރާއީލާއި އީރާނުން އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދިނުން މަޑުޖައްސާލުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާއި ވާހަކަދައްކަނީ. ފޮޓޯ: އޭއެފްޕީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި "ވަރަށް ރަނގަޅު" މަޝްވަރާތަކަކަށް ފަހު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އިސްރާއީލާއި އީރާނުން އެކަކު އަނެކަކަށް ހަމަލާނުދީ މަޑުކޮށްލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަދަކަމުން ޓްރަމްޕް ބުނީ އިސްރާއީލަށް ހަމަލާ އަމާޒުވުމުން ނަތަންޔާހޫ ރައްދު ހަމަލާ ދެއްވި ކަމަށާއި، އެކަމަށް އޭނާ މަލާމާތް ނުކުރާ ކަމަށެވެ. "އޭނާއަށް (ނަތަންޔާހޫއަށް) ހަމަލާ އެރި، އޭނާ ރައްދު ދިނީ، ދެން މިހާރު އެމީހުން އެވަނީ އެކަން ހުއްޓާލާފައި. އެހެންވީމާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެމީހުން އެކަކު އަނެކަކަށް ހަމަލާއެއް ނުދޭނެ،" ޓްރަމްޕް ބުނެފައިވެއެވެ.
މީގެ އިތުރުން، އީރާނާއެކު ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރާ ވަރުގަދަ އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް ޓްރަމްޕް ހާމަކުރިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ހޮރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވިގެންދާނެ ކަމަށާއި، އެކަން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ. އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކުރުމަކީ ބޮން އެޅުމަށްވުރެ ބާރުގަދަ ފިޔަވަޅެއްކަން ސާބިތުވެފައިވާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރިއެވެ.
ހޮރްމޫޒް ކަނޑުއޮޅި ކައިރިއަށް އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވެއްޓުނު ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ހެލިކޮޕްޓަރު ދުއްވަން ތިބި ދެ ޕައިލެޓުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މި ހާދިސާގެ ތަފްސީލީ ރިޕޯޓެއް ކުރިއަށް އޮތް ދުވަހު ނެރޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހެލިކޮޕްޓަރު ވެއްޓުނު ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.
އިސްރާއީލުން އީރާނަށް ދިން ރައްދު ހަމަލާއާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އޭނާ ނަތަންޔާހޫއާ ވާހަކަދެއްކި އިރު މިސައިލްތައް ހުރީ އީރާނަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ. އެމެރިކާއިން ބާރުގަދަ އެއްބަސްވުމަކާ ގާތްވެފައިވާތީ ބުއްދީގެ ބޭނުން ކުރުމަށް ނަތަންޔާހޫއަށް ބުނި ކަމަށް ޓްރަމްޕް ބުންޏެވެ. "އަހަރެން އޭނާ ގާތު ކަމެއް ކުރަން ބުނެފިނަމަ، އޭނާ އެކަމެއް ކުރާނެ،" އިސްރާއީލުގެ ބޮޑުވަޒީރާ އޮތް ގުޅުމާ ބެހޭގޮތުން ޓްރަމްޕް ބުނެފައިވެއެވެ.