ޚަބަރު
ހައްޖުވެރިންގެ ފްލޫ ކްލިނިކުން 84 މީހަކު ފަރުވާ ހޯދައިފި
ހުޅުމާލެ ހޮސްޕިޓަލް ފޮޓޯ:ސަން
ހައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކުން މިހާތަނަށް 84 މީހަކު ފަރުވާ ހޯދައިފިއެވެ.
ފަރުދުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޯގާގެ އަލާމާތްތައް ހުރެގެން މިއަދުގެ މިހާތަނަށް 84 މީހަކު އެ ކްލިނިކަށް ދައްކާފައިވާ ކަމަށެވެ. އަދި ހައްޖުވެރިން ރާއްޖެ އަންނަ ފްލައިޓުތައް ޖައްސާ ދުވަސްތަކުގައި ކްލިނިކަށް ބާރުބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައި ގާއިމުކޮށްފައިވާ މި ކްލިނިކަކީ ހައްޖުވެރިންނަށް ފަސޭހައިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ކްލިނިކުން ހިދުމަތް ދެނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 22:00 އަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވަނީ މި ކްލިނިކަށް ހިދުމަތް ހޯދަންދާ ހައްޖުވެރިން މާސްކު އަޅައިގެން ދިއުމަށެވެ.
އެޗްޕީއޭ އިން ވަނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ގޭގައި ތިބޭ މާބަނޑު މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ފަދަ ބަލީގެ ނުރައްކާ ބޮޑުވެދާނެ މީހުންނާ ގާތްނުވުމަށް ވެސް ހައްޖުވެރިންނަށް ވަނީ އަންގާފައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ތިންވަނަ ގްރޫޕް މިހާރު ރާއްޖެ އައިސްފައިވާއިރު، ހައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ. ހައްޖުވެރިންގެ ސިއްހީ ސަލާމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެއްވަމުންނެވެ.