ދުނިޔެ

އިސްރާއީލުން ލުބުނާނުގެ ތާޔަރަށް ދިން ހަމަލާއެއްގައި އަށް މީހުން ޝަހީދުވެއްޖެ

އިސްރާއީލުން ލުބުނާނުގެ ތާޔަރަށް ދިން ހަމަލާއެއްގައި އަށް މީހުން ޝަހީދުވެއްޖެ

ލުބްނާންގެ ތާޔަރު. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2026، 04:51

09 ޖޫން 2026، 04:51

ލުބުނާނުގެ ދެކުނުގައި އޮންނަ ތާޔަރު ސިޓީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން އަށް މީހުން ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ސިވިލް ޑިފެންސުން ބުނެފިއެވެ.

 މި ހަމަލާ ދީފައިވަނީ އެ ސިޓީގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އިސްރާއީލު ސިފައިން އަމުރު ނެރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.

ތާޔަރުގެ އިތުރުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ. މިގޮތުން އަދުޝީތު އަވަށުގެ ކުކުޅު ފާމަކަށް ދިން ހަމަލާއެއްގައި އެތަނުގެ ވެރިޔާ ޝަހީދުވެފައިވާއިރު، ހަބޫޝް އަވަށުގައި 16 އަހަރުގެ ކުއްޖަކު ވަނީ ޑްރޯން ހަމަލާއެއްގައި ޝަހީދުވެފައެވެ. މީގެއިތުރުން ކަފްރް ރަމާން އަވަށަށް ފަތިހު ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުވެފައެވެ.

މަސްރަހު ނުތަނަވަސްވެ އާންމުން ބިރުވެރިކަމެއްގެ ތެރޭގައި
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ތާޔަރުގެ މަސްރަހު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އިސްރާއީލުން މީގެ ކުރިން ނެރުނު އަމުރުތަކުގައި އިސްތިސްނާކޮށްފައިވާ ތާޔަރުގެ ކްރިސްޓިއަން ކުއާޓާ ހުސްކުރުމަށްވެސް މިފަހަރު ވަނީ އަންގާފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ހިމާޔަތް ހޯދައިގެން ތިބި އެތައް ހާސް ބަޔަކު ދަނީ ބިރުވެރިކަމާއެކު އެ ސިޓީ ދޫކޮށް ދަމުންނެވެ.

އިސްރާއީލާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވި ނަމަވެސް، އިސްރާއީލުން ބުނަމުންދަނީ ލުބުނާނުގެ ދެކުނުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ހަމަލާދޭނެ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު އިސްރާއީލުން އީރާނަށް ދިން ހަމަލާގައި އެ ގައުމުގެ އެއާ ޑިފެންސް ޔުނިޓުގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އީރާނުގެ އިންޒާރު
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދޭ ހަމަލާތައް ކުރިއަށްގެންދާނަމަ، އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި، އީރާނުން ވަނީ ބެއިރޫތަށް ހަމަލާދިނުމަކީ އެ ގައުމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެ ވޮޝިންޓަނަށްވެސް ސީރިއަސް އިންޒާރުތަކެއް ފޮނުވާފައެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަބަޓިއޭ އާއި ޖެބްޝީތު ފަދަ ރަށްތަކަށްވެސް މިއަދު ހެނދުނު ވަނީ ވައިގެ މަގުންނާއި ބޮޑުބަޑީގެ ހަމަލާތައް އަމާޒުވެފައެވެ. މި ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ވަނީ ނުރައްކާ ކުރިމަތިވެފައެވެ. މިދިޔަ އާދީއްތަ ދުވަހު ރެޑް ކްރޮސް ސެންޓަރަކަށް ދިން ހަމަލާގައި އެތައް ޕެރާމެޑިކުންނެއް ޒަހަމްވެފައިވާކަން ފާހަގަކުރެވެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450