ޚަބަރު
ކުރީގެ ކޮންޓްރޯލަރު 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި
ކުރީގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު---
ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ޝަމްޢާންގެ މައްޗަށް ބޮޑު ޖަލު ޙުކުމެއް އިއްވާފައި މިވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ތިން ދަޢުވާ ވެސް ސާބިތުވެފައިވުމުންނެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައިވާ ގޮތުގައި، ޝަމްޢާންގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދާއުވާއެއްވެސް ވަނީ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައެވެ.
އެގޮތުން މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ޙުކުމަކާއި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބެއްގެ ގޮތުން 8 އަހަރުގެ ޖަލު ޙުކުމަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަދަބެއްގެ ގޮތުން 2 އަހަރުގެ ޖަލު ޙުކުމެއް ވަނީ އޭނާގެ މައްޗަށް އިއްވާފައެވެ.
ޝަމްޢާންގެ މައްޗަށް ޖަލު ޙުކުމް ގުނާނީ، ޝަރީއަތުގެ މަރުހަލާގައި އޭނާ ޖަލުގައި ހޭދަކުރި ނުވަ މަހާއި 10 ދުވަސް އުނިކުރުމަށްފަހުއެވެ.
މައްސަލަ ބެއްލެވި ޤާޒީ އިބްރާހިމް އިހުސާން ވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ މިޢަމަލުގެ ސަބުބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ ކަމަށް ވިދާޅުވެފައެވެ. އަދި އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާ ކަމަށް ޤާޒީ އިހުސާން ވިދާޅުވިއެވެ.