ޚަބަރު
އަޅުގަނޑު މިހުރީ ރައީސް މުޢިއްޒާއެކު ގަދަކޮށް: ކުރީގެ މާލީ ވަޒީރު
ް ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރު ދުރަށްޖެހިވަޑައިގަތީ ބަލިހާލަތު ހުންނެވި ގޮތުން ކަމަށާއި، ނަމަވެސް އެ މަނިކުފާނު ޕާޓީއަށް ޚިދުމަތްކޮށްދެއްވުމުގައި ދެމި ހުންނަވާނެކަމަށް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ޕާޓީ އާއި ޕާޓީގެ ފިކުރަށް މި ވަގުތަށް އެންމެ ފައިދާހުރި ގޮތަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އަދި މިއީ ޕާޓީގެ ކުރިމަގަށް ވިސްނަވާއިރު އެހެން ބޭފުޅުންނަށް ދެވޭ ފުރުސަތެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.
އެ މަނިކުފާނު ދުރަށް ޖެހިވަޑައިގެން ސަބަބު އިތުރަށް ޚިއްޞާ ކުރައްވަމުން ވިދާޅުވީ، ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އިޤުތިޞާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކު ފާއިތުވި 7 މަސްދުވަހު ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން، ކުރިން ވެސް ޞިއްޙީ ޙާލަތާ ގުޅިގެން މަހެއްހާ ދުވަހު މަސައްކަތާ ދުރުގައި ހުންނަވަން ޖެހިވަޑައިގެންނެވިއިރު، މާލީ ވަޒީރުގެ ޒިންމާފަދަ ބޮޑެތި ޒިންމާތަކާ ހަވާލުވެގެން ހުންނަވައި އެހާ ގިނަ ދުވަހު މަސައްކަތާ ދުރުގައި ހުންނަން ޖެހުމަކީ ޤައުމަށާއި ޕާޓީއަށް އެންމެ ރަނގަޅު ގޮތްކަން ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި އެ މަނިކުފާނު އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިސްލާމްދީނަށާއި ޤައުމިއްޔަތަށް ހޯއްދަވައިދެއްވާ ކުރިއެރުމާއި، ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނުގެ ފަހަތްޕުޅުގައި "ގަދަކޮށް" ކަމަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރާއި ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޒަމީރު ވިދާޅުވީ، އޭނާ ހުންނެވީ އިންތިޚާބުތަކުގައި ޕާޓީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް އެހީތެރިކަން ދިނުމަށް ތައްޔާރުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.
އަދި މިހާރު ސަރުކާރުގައި އޮތް ޓީމަކީ އެއް ފިކުރެއްގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ޓީމެއް ކަމަށާއި، އެހެންކަމުން މި ޓީމުން ޒުވާން މޫނުތައް ވެސް ފެންނަންޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.