ޚަބަރު
ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙާޖީން އެނބުރި ރާއްޖެ އަތުވެއްޖެ
ޙައްޖުވެރިން އެނބުރި ރާއްޖެއައުން. ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މިއަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހިރާއްޖެއިން ދިޔަ ހުރިހާ ޙައްޖުވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭ މެންދަމު 00:00 ހާއިރު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ރޭ އައި އެންމެ ފަހު ފްލައިޓުގައި 262 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ އެންމެން މިވަނީ އެނބުރި ރާއްޖެ އައިސް ނިމިފައެވެ.
ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން ފުރަތަމަ ފްލައިޓުން 240 އަށް ވުރެ ގިނަ ޙައްޖާޖީން ރާއްޖެ އައިސްފައިވާއިރު، ދެވަނަ ގްރޫޕް އައިސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ފްލައިޓުގައި 262 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މީގެ އިތުރުން ތިންވަނަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ފްލައިޓުން 271 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިންވެސް ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. ޙައްޖުވެރިން އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެފަރާތްތަކަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.