ޚަބަރު
ޖަޕާނުން ހަދިޔާކުރި ފެން ހިންދާ ޕަންޕުތައް ރަށްތަކާ ހަވާލުކުރަން ފަށައިފި
ޖަޕާނުން ހަދިޔާކުރި ފެން ހިންދާ ޕަންޕުތައް ރަށްތަކާ ހަވާލުކުރަން ފޮޓޯ: އެންޑީއެމްއޭ
މޫސުމީ ބަދަލުތަކާއެކު ރާއްޖޭގެ ރަށްތަކަށް ދިމާވަމުންދާ ފެންބޮޑުވުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި، ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.
މިއީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ފޯރުކޮށްދީފައިވާ އެހީއެވެ. އެންޑީއެމްއޭއިން ވިދާޅުވީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބިފައިވާ 40 ޕަންޕު، ފުރަތަމަ ބުރުގައި 20 ރަށަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިހާތަނަށް 5 ރަށެއްގެ ކައުންސިލާ ޕަންޕުތައް ވަނީ ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ:
• ރ. އިނގުރައިދޫ
• ކ. ކާށިދޫ
• މ. މުލައް
• އއ. ފެރިދޫ
• ތ. ކަނޑޫދޫ
އެންޑީއެމްއޭއިން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށަކަށް ދެ ޕަންޕާއި ޕަންޕަށް ބޭނުންވާ އިތުރު ސާމާނުތައް ހަވާލުކުރެވޭނެއެވެ. ޕަންޕު ފޯރުކޮށްދޭނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވަނީ މީގެ ކުރިން އެ އޮތޯރިޓީން ޕަންޕު ފޯރުކޮށްދީފައިނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށެވެ.
މި މަޝްރޫޢުގެ ދެވަނަ ބުރުގައި އިތުރު 15 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުލިގަން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެއްދޫ، ގދ. ހޯޑެއްދޫ އަދި ގދ. ކަނޑުހުޅުދޫ ހިމެނެއެވެ.
މިއީ ކާރިސާތަކަށް އިޖާބަދިނުމުގެ ކަންކަން އަތޮޅުތަކުގައި ހަރުދަނާކޮށް، ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.
މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވަމުންދާއިރު، ސަރުކާރުން ދަނީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފެންބޮޑުވާ ރަށްރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމްތައް ޤާއިމުކުރުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާކުރުމުގެ މަޝްރޫޢުތައް މިހާރުވެސް މާލެއާއި އަތޮޅުތަކުގެ ބޮޑެތި ރަށްރަށުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ފަސް ރަށެއްގެ ކައުންސިލާ އެން.ޑީ.އެމް.އޭ އިން ހަވާލުކޮށްފި. އެ… pic.twitter.com/rHfPBDxqtR
— NDMA Maldives (@NDMAmv) June 10, 2026