Ads by Farudhun

ޚަބަރު

ޝަމްއާން ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް: ވަޒީރު އިހުސާން

ޝަމްއާން ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް: ވަޒީރު އިހުސާން

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޖޫން 2026، 11:41

10 ޖޫން 2026، 11:41

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނަށް ނިސްބަތްކޮށް އިއްޔެ މީޑިއާގައި ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް ހުކުމްކުރުމުގެ މަޖިލީހަށް ވަނުމުގެ ކުރިން، ސަރުކާރާ ދެކޮޅަށް މައުލޫމާތު ފަތުރާ ބައެއް މީޑިއާތަކަށް ދައުވަތު ދީގެން ޝަމްއާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވަޒީރު އިހުސާނުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށްވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ޝަމްއާންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ފޭރުމާއި ކޯޓާ ވިއްކުމުގެ ތުހުމަތު އޮތް ނަމަވެސް، އޭނާ ވަނީ އެއީ ދޮގެއް ކަމަށް ބުނެ އެ ތުހުމަތުތައް ވަޒީރު އަލީ އިހުސާނަށް ރައްދުކޮށްފައެވެ. އަދި އެކަންކަން ރައީސަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައީސް މުއިއްޒު ވަޒީރު އިހުސާން ދިފާއު ކުރައްވާ ކަމަށްވެސް ޝަމްއާން ވަނީ ބުނެފައެވެ.

މި ވާހަކަތައް ދޮގުކުރައްވައި ވަޒީރު އިހުސާން "އެމްއެމްޓީވީ" އަށް ވިދާޅުވީ، ޝަމްއާން އެމަނިކުފާނުގެ މައްޗަށް ކުރައްވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޝަމްއާން ކުރާ އެއްވެސް ތުހުމަތަކާ ގުޅޭ ހެއްކެއް ނުވަތަ ގަރީނާއެއް ދެއްކިފައި ނުވާކަން ފާހަގަކުރައްވައި، ޝަމްއާން ހަދަނީ ދޮގުކަން މީގެ ކުރިންވެސް މީޑިއާގައި ވިދާޅުވެފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ކަނޑައަޅާފައެވެ.

މި ހުރިހާ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން، ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ހުކުމް ކޮށްފައެވެ. އޭނާ މި ތުހުމަތުތައް ވަޒީރަށާއި ސަރުކާރަށް އަމާޒުކުރީ މި ހުކުމް އިއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިންކަން ފާހަގަކޮށްލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450