ޚަބަރު
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްގެ ސެޓްފިކެޓް ދިނުމުގެ ހަފްލާގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަޠީބުންގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ 5 ވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، ސްކޫލުގައި އުޅޭ ދަރިވަރެއްނަމަ އެކަމުގެ ލިޔުމާއި، 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.
ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސް-ޓު-ފޭސްކޮށް މާލޭގައެވެ. ރަށްރަށުގައި އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން މާލެ އައިސް ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮގްރާމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިއު ނިންމައި، ހުރިހާ ތަމްރީނު ސެޝަންތަކަށް ޙާޟިރުވެ، ލިޔުމުގެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށެވެ. ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެވުޒާރާއިން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ކާމިޔާބު ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.