ޚަބަރު
ހުޅުމާލޭ ގްރޭންޑް މިސްކިތް އެޅުމަށް، އެޗްޑީސީން އިސްލާމީ ވުޒާރާއާ ބިން ހަވާލުކޮށްފި
ހުޅުމާލޭ ގްރޭންޑް މިސްކިތް އެޅުމަށް، އެޗްޑީސީން އިސްލާމީ ވުޒާރާއަށް ބިން ހަވާލުކުރުން. ފޮޓޯ: އެޗްޑީސީ
ދިވެހިރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު މިސްކިތް، ހުޅުމާލޭ ގްރޭންޑް މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފޭސް ތިނަކުން އަލަށް ހިއްކާފައިވާ ސަރަޙައްދުންނެވެ.
ހުޅުމާލޭގައި ގްރޭންޑް މިސްކިތެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ، މި މިސްކިތް އެޅުމުގެ ތަސައްވުރު އެކުލަވައިލައި، އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މި ސަރަޙައްދުގައި ވަގުފު ބިނާތައް ގާއިމުކުރުމުގެ އިތުރުން، ހިތްފަސޭހަ ގްރީން ސްޕޭސް އަކާއި ފުޅާ ދާއިރާއެއްގައި ޕާކިން ޖާގަ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މިސްކިތް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ޖާގަ ތަނަވަސް އަދި އެންމެ ބޮޑު މިސްކިތަށެވެ. ބިން ހަވާލުކުރުމާއެކު، މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.