ކުޅިވަރު
އަލްވަރޭޒްގެ ސޮއި ހޯދުމަށް ރެއާލްއިން ހުށަހެޅި އަގަށް އެތުލެޓިކޯއިން ނޫނެކޭ ބުނެފި
ހޫލިއަން އަލްވަރޭޒް ވަނީ ނިމުނު ސީޒަންގައި 20 ގޯލު ކާމިޔާބުކޮށްފައި / ފޮޓޯ: ގެޓީއިމޭޖަސް
ހޫލިއަން އަލްވަރޭޒްގެ ސޮއި ހޯދުމަށް ރެއާލް މެޑްރިޑުން ހުށަހެށި އަގަށް އެތުލެޓިކޯ މެޑްރިޑުން ނޫނެކޭ ބުނެފިއެވެ. އަލްވަރޭޒް ހޯދުމަށް ރެއާލްއިން 150 މިލިއަން ޔޫރޯ ހުށަހަޅާފައިވާއިރު އެތުލެޓިކޯއިން ބުނީ އޭނާ ދޫކުރެވޭނީ 500 މިލިއަން ޔޫރޯއަށް ކަމަށެވެ.
އާޖެންޓީނާއާއެކު 2022ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި، އުމުރުން 26 އަހަރުގެ އަލްވަރޭޒްއަށް ރެއާލްއިން ބިޑުކުރީ، އެ ކްލަބުގެ ރައީސަކަށް ފްލޮރެންޓީނޯ ޕެރޭޒް އަލަށް އިންތިޚާބުވުމަށްފަހުއެވެ. އިންތިޚާބުގެ ކުރިން އޭނާ ބުނެފައި ވަނީ ކްލަބުގެ ރެކޯޑު ފީއަކަށް ކުޅުންތެރިއަކު އަންނަ ސީޒަނަށް ގެނަސްދޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިއެއް ކަމެއް އޭރު ހާމަކޮށްފައެވެ ނުވެއެވެ.
މިކަމާ ގުޅިގެން ރެއާލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބުގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމަކަށްފަހު އަލްވަރޭޒް ހޯދުމަށް 150 މިލިއަން ޔޫރޯ ހުށަހަޅާފައިވާކަމަށެވެ. އަދި އެ ހުށަހެޅުން އެތުލެޓިކޯއިން ބަލައިނުގަންނަން ނިންމާފައިވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅިގެން ރެއާލްއިން އެކްސްގައި ކުރި ޕޯސްޓު ޝެއަރ ކުރުމަށްފަހު އެތުލެޓިކޯގެ އެފިޝަލް އެކްސް ހޭންޑްލްއިން ވަނީ އެ ޕޯސްޓު ޝެއަރކޮށް، ހިނިއައުމުން ބޭނުންކުރާ އިމޯޖީތަކެއް ބޭނުންކޮށްފައެވެ.
އަލްވަރޭޒް އެތުލެޓިކޯއަށް ބަދަލުވީ 2024ވަނަ އަހަރު މެންޗެސްޓަރ ސިޓީއިންނެވެ. އެތުލެޓިކޯއިން އޭނާ ގެންގޮސްފައި ވަނީ 81.5 މިލިއަން ޔޫރޯއަށެވެ.
އަދި މިދިޔަ ސީޒަނުގައި ކުޅުނު 49 މެޗުން އޭނާ ވަނީ އެތުލެޓިކޯއަށް 20 ގޯލު ކާމިޔާބުކޮށްދީފައެވެ.