ދުނިޔެ
ނުރައްކާތެރި މިންވަރަށް ކެމިކަލް ބޭނުންކޮށްފައި ވާތީ އިންޑިއާގެ އަނބު ނޭޕާލަށް އެތެރެކުރުން މަނާކޮށްފި
އަނބު މޫސުމުގައި އިންޑިއާގެ ހައިދަރުއާބާދުގެ މޭވާ މާރުކޭޓެއް / ފޮޓޯ: އޭއޭޕީ
ނުރައްކާތެރި މިންވަރަށް ކެމިކަލް އާއި އެހެނިހެން ޕެސްޓިސައިޑް ބޭނުންކޮށްފައި ވާތީކަމަށް ބުނެ، އިންޑިއާގެ އަނބާއި މޭވާގެ ބައެއް ބާވަތްތައް ނޭޕާލަށް އެތެރެކުރުން އެ ޤައުމުން މަނާކޮށްފިއެވެ.
މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގެ މޭވާގެ ބާވަތްތަކެއް އެތެރެކުރުން މަނާކުރި ދެވަނަ ޤައުމެވެ. މީގެ ކުރިން ޖަޕާނުން ވެސް ވަނީ މިކަން މަނާކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ނޭޕާލުން މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމީ އިންޑިއާއިން އެތެރެކުރި މޭވާތަކެއް ތަހުލީލުކުރިއިރު، އެ ތަކެތީގައި ނުރައްކާތެރި މިންވަރަށް ކެމިކަލް ބޭނުންކޮށްފައިވާކަން، ކަމާގުޅުންހުރި އިދާރާތަކުން ހެދި ތަހުލީލުތަކުން ހާމަވުމުންނެވެ.
މީގެއިތުރުން، މި އަހަރުގެ އެޕްރީލް މަހުން ފެށިގެން އިންޑިއާއިން އެތެރެކުރާ މޭވާގެ ބައެއް ބާވަތްތަކާ ގުޅިގެން، ނޭޕާލްގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ލައިވްސްޓޮކް ޑިވެލޮޕްމަންޓުން ވަނީ ފިޔަވަޅުތައް އަޅާފައެވެ. އަދި މިއީ އިންޑިއާގެ އަނބު މޫސުމާ ދިމާކޮށް އަޅާފައިވާ ފިޔަވަޅުތަކެއްކަމުން، މިކަމުގެ ސަބަބުން އެ ޤައުމުގެ ދަނޑުވެރިންނަށް މާލީ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.
އަނެއްކޮޅުން، ނޭޕާލް ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެ ޤައުމުގެ ބައެއް ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ދުރާލާ އެންގުމެއް ނެތި އެފަދަ ފިޔަވަޅެއް އެޅުމުން، ބާޒާރުން އަނބު ލިބުން ދަތިވާނެތީއެވެ. އެހެންކަމުން ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމުމުގެ ބަދަލުގައި، ބޯޑަރުގެ ކަރަންޓީނު ނިޒާމު ވަރުގަދަކޮށް، ރަނގަޅަށް ކޮލިޓީ ޓެސްޓު ކުރުމަށްފަހުގައި ނޫނީ މޭވާ އެތެރެކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން އަނބު ހައްދާ ޤައުމެވެ. އަންދާޒާކޮށްފައިވާ ގޮތުގައި އިންޑިއާއިން އަހަރަކު 28 މިލިއަން މެޓްރިކް ޓަނުގެ އަނބު އުފައްދައެވެ. މީގެ ތެރެއިން ބޮޑު ބައެއް އެ ޤައުމުގައި ބޭނުންކުރި ނަމަވެސް، ބައެއް ޤައުމުތަކަށް އެކްސްޕޯޓުކޮށްގެން ދަނޑުވެރިން ރަނގަޅު ފައިދާއެއް ހޯދާކަމަށް ވެއެވެ.