ޚަބަރު
ކާބޯތަކެތި ލޭބަލް ކުރުމުގެ މިންގަނޑާ ޚިލާފުވެއްޖެނަމަ ޖޫރިމަނާ ކުރަނީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ: ފޮޓޯ: ޞިއްޙީ ވުޒާރާ
ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ޤަވައިދަށް އަންގާރަ ދުވަހު ޢަމަލުކުރަން ފަށައި، އެ ޤަވާއިދުގެ ދަށުން ކާބޯތަކެތި ލޭބަލް ކުރުމުގެ މިންގަނޑާ ޚިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ހަދައިފިއެވެ.
އެގޮތުން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ޤަވައިދާ ޚިލާފުވެއްޖެނަމަ ކަނޑައަޅާފައިވާ އަދަބުތަކާއި، ކާބޯތަކެތި ޕެކްކުރުމުގެ އުސޫލާ ޚިލާފުވެއްޖެނަމަ ކަނޑައަޅާފައިވާ އަދަބުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ލޭބަލް ކުރުމުގެ މިންގަޑާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 10،000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު 100،000 ރުފިޔާ، ތިންވަނަ ފަހަރު 500،000 ރުފިޔާ އަދި ހަތަރުވަނަ ފަހަރު 750،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރެވޭނެކަމަށް ވެސް އެ ޤަވާއިދުގައި ވެއެވެ.
މީގެއިތުރުން ކާބޯތަކެތި ޕެކޭޖު ކުރުމުގެ ޤަވާއިދާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައި ވަނީ 5،000 ރުފިޔާއިންނެވެ. އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާގެ އަދަދު 10،000 ރުފިޔާއިން 50،000 ރުފިޔާ 75،000 ރުފިޔާއިން އިތުރު ކުރުމަށްފަހު ފަސް ވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ތަކުރާރުކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން، އެއްޗެއްގެ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައި ވެއެވެ. އެގޮތުން އެއްޗެއްގެ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީ ނުވަތަ ތައްޔާރުކުރުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ލޭބަލްކުރުމަކީ ނުވަތަ ރައްކާކުރުމަކީ ނުވަތަ ގުދަންކުރުމަކީ ނުވަތަ ގަނެވިއްކުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން 10،000 ރުފިޔާއިން ފެށިގެން 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
އެއްފަހަރު ބޭނުންކޮށްގެން އުކާލާ ޕޮލިއިތެލީން ޓެރެފްތަލޭޓް (ޕީއީޓީ) ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވެސް މި ޤަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.
އެމްއެފްޑީއޭއިން ބުނީ ޤަވައިދާ ޚިލާފުވާ މީހުންނަށް އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤަވައިދާ ޚިލާފަށް އެ ތަކެތި އެތެރެކުރުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ހޯދުމުގެ ފުރުސަތު ވެސް އޮވެއެވެ.