Ads by Farudhun

ޚަބަރު

ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކުގެ ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކުގެ ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

ހުޅުމާލެ ހޮސްޕިޓަލް ފޮޓޯ: އެމްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޖޫން 2026، 12:29

11 ޖޫން 2026، 12:29

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރި ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން އަންނަ ވަގުތުތައް އެ ހޮސްޕިޓަލުން އިތުރުކޮށްފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބަދަލާއެކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ފްލޫ ކްލިނިކުން ހިދުމަތް ލިބޭނެއެވެ. މި ކްލިނިކް ގާއިމްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައެވެ.

ހައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި ކްލިނިކަށް ހިދުމަތް ހޯދުމަށްދާ ފަރާތްތަކުން މާސްކު އަޅައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެ އެޖެންސީން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން، ހައްޖުވެރިން އެނބުރި ގެއަށް ދިޔުމަށްފަހު، ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކާ ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެގޮތުން މާބަނޑު މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ފަދަ ހައި-ރިސްކު މީހުންނާ ގާތްނުވުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެ އެޖެންސީން ފާހަގަކުރެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ވަނީ ރާއްޖެ އައިސްފައެވެ. ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑު 22:45 ގައެވެ. ހައްޖުވެރިންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450