ދުނިޔެ

ތުއްތު ކުއްޖަކަށް ބަޑިން ހަމަލާދީ އިސްރާއީލު ސިފައިން މަންޒަރު ބަލަންތިބިތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

ތުއްތު ކުއްޖަކަށް ބަޑިން ހަމަލާދީ އިސްރާއީލު ސިފައިން މަންޒަރު ބަލަންތިބިތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

އިސްރާއިލްގެ ހަމަލާގައި ޝަހީދުވި ތުއްތު ކުއްޖާގެ ފޮޓޯ ދައްކާލަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2026، 01:22

11 ޖޫން 2026، 01:22

ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޯންގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ހަތް މަހުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލުމަށްފަހު، އެ ކުއްޖާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ސިފައިން ބަލަން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީސެލެމް (B’Tselem) އިން އާންމުކޮށްފިއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ޒަހަމްވެފައިވާ ތުއްތު ސާމް ފަހުދު އަބޫ ހައިކަލްއަށް އާންމުން އެހީތެރިވާން މަސައްކަތް ކުރަމުންދިޔައިރު، އިސްރާއީލު ސިފައިން އެ ސަރަހައްދުގައި އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ މަޑުކޮށްގެން ތިއްބެވެ. މި ހާދިސާ ހިނގި ވަގުތު ކުއްޖާގެ ބައްޕަ ލޭ މަނާކުރަން މަސައްކަތް ކުރަމުންދިޔައިރު ވެސް، ކައިރީގައި ތިބި ސިފައިން އެހީތެރިވުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ އެ އުޅަނދު ސިފައިންނާ ދިމާލަށް ބާރުމިނުގައި ދުއްވާފައި އައުމުން ނުރައްކަލެއް އޮތް ކަމަށް ބަލައި ބަޑިޖެހީ ކަމަށެވެ. ނަމަވެސް ކުއްޖާގެ ބައްޕަ ފަހުދު އަބޫ ހައިކަލް މި ވާހަކަ ދޮގުކުރެއެވެ. "ސިފައިން ތިބީ އަހަރެންނާ ދިހަ ވަރަކަށް މީޓަރު ދުރުގައި. އޭނާއަށް އަހަރެންނާއި، އަނބިމީހާއާއި ކުދިން ފެންނާނެ. އެއީ އާއިލާއެއްކަން ނޭނގޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ ސިފައިންގެ އިޝާރާތަށް ކާރު ހުއްޓުމުން އެއްވެސް އިންޒާރަކާ ނުލައި ބަޑިޖެހީ ކަމަށެވެ.

ކުއްޖާގެ މަންމަ ދާނިއާ ބުނި ގޮތުގައި، ބަޑިޖެހިތާ ގަޑިއެއްހާއިރު ފަހުން އެ ކުއްޖާ ވަނީ ޝަހީދުވެފައެވެ. މި ހާދިސާގައި ކުއްޖާގެ ބައްޕައާއި މަންމައަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ބީސެލެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް ދީފައިވާ މިނިވަންކަމުގެ ސަބަބުން ފަލަސްތީނު މީހުންގެ ފުރާނައަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހަދާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޯބަރު 7 ގެ ފަހުން ހުޅަނގު އައްސޭރީގައި އެކަނިވެސް 1,152 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 239 ކުޑަކުދިން ހިމެނެއެވެ. އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ގެންދަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް، އެމީހުންގެ ބިމުން ބޭރުކުރުމަށް ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450