ޚަބަރު
ޝަމްޢާނުގެ ފޯނުގައި ކޮރަޕްޝަންގެ ހެކި ހުރި ކަމުގެ މައުލޫމާތު ހިއްސާއެއް ނުކުރޭ: ފުލުހުން
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް އޭނާ ބުނި ނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ 2026 ޖޫން 9ވަނަ ދުވަހު ޝަމްޢާން މީޑިއާތަކާ ބައްދަލުކޮށް ކުރި ތުހުމަތުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. ފުލުހުން ވިދާޅުވީ، ޝަމްޢާނާއި އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގި ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
ތަހުގީގުން ހާމަވި މުހިންމު ބައެއް ކަންކަން:
- އޮޕަރޭޝަން އެނގުން: 2025 މާރިޗު 11ގައި ހިންގި އޮޕަރޭޝަން ރޭވުމާއި ތަންފީޒުކުރުމުގެ ހުރިހާ ކަމެއް ޝަމްޢާނަށް އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.
- ފައިސާގެ މުއާމަލާތް: ބިދޭސީއަކު ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 500,000 (ފަސްލައްކަ) ރުފިޔާ ދިނުމަށް އެއްބަސްވެ، އޭގެ ތެރެއިން ފައިސާ ހުރި ކޮތަޅެއް ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓަށް ވައްދާފައިވާކަން ސީސީޓީވީ ފުޓޭޖްތަކުން ވަނީ ފެނިފައެވެ.
- އެކައުންޓަށް ފައިސާ ޖަމާވުން: 2025 މާރިޗު 13ވަނަ ދުވަހު ޝަމްޢާންގެ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ޝަމްޢާންގެ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ދިނުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފޯނުގައި ހުރި މައުލޫމާތު ބެލުމުގެ ފުރުސަތު ތަހުގީގަށް ލިބިފައި ނުވާކަން ފުލުހުން ފާހަގަކުރިއެވެ. އަދި 2025 ޑިސެމްބަރު 25ގައި ބަންދުން ދޫކޮށްލި ފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް، ފޯނުގައި ހުރި ކަމަށް ބުނާ ހެކިތަކުގެ މައުލޫމާތު ފުލުހުންނަށް ނުވަތަ ކޮރަޕްޝަން ބަލާ އެހެން މުއައްސަސާއަކަށްވެސް އޭނާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތަހުގީގަކީ ސިޔާސީ ނުފޫޒެއް އޮވެގެން ނުވަތަ ވަކި ނަތީޖާއެއް ނެރުމަށް ހިންގި ތަހުގީގެއް ކަމަށް ކުރާ ތުހުމަތުތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ. ފުލުހުން ވިދާޅުވީ ހުރިހާ ނިންމުމެއްވެސް ނިންމާފައިވަނީ ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް މިނިވަންކަމާ އެކުގައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ އުފުލުމާ ގުޅިގެން، ކްރިމިނަލް ކޯޓުން މިހާރު ވަނީ މި މައްސަލައިގައި ހުކުމް އިއްވާފައެވެ. ފުލުހުން ވިދާޅުވީ ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލަ އިސްތިއުނާފު ކުރުން ކަމަށެވެ.