ދުނިޔެ
ވެސްޓް ބެންގާލްގައި ތިބި ބަންގްލަދޭޝް މުސްލިމުން ބޭރުކުރަން ފަށައިފި
ރަސްމީ ލިޔެކިޔުން ނެތި ވެސްޓް ބެންގޯލްގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންތަކެއް. ފޮޓޯ: އަލްޖަޒީރާ
އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެ ސްޓޭޓްގައި ތިބި ބަންގްލަދޭޝްގެ މުސްލިމް ހިޖުރަވެރިން ހޯދައި، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ "ޑިޓެކްޓް، ޑިލީޓް އެންޑް ޑިޕޯޓް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިދިޔަ މަހު ވެސްޓް ބެންގޯލްގެ އިންތިޚާބު ކާމިޔާބުކުރުމަށްފަހު، ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މުސްލިމް ރައްޔިތުން ބޭރުކުރުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް، މި އަމުރުގައި ހިންދޫންނާއި އެހެނިހެން ދީންތަކުގެ މީހުން އިސްތިސްނާކޮށްފައިވުމުން، މިއީ ދީނީ ގޮތުން ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ވަނީ ސިފަވެފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ މެދުގައިވެސް ބިރުވެރިކަން ވަނީ އުފެދިފައެވެ.
ބޯޑަރު ސަރަހައްދުގައި ހުންނަ ހާކިމްޕޫރު ޗެކްޕޯސްޓް ކައިރީގައި އެތައް ސަތޭކަ ބަޔަކު މިހާރުވެސް ތިބީ އަނބުރާ ފޮނުވާލުމުގެ އިންތިޒާރުގައެވެ. އޭގެ ތެރޭގައި ހިމެނޭ ރައިސުލް އިސްލާމް ކިޔާ މީހަކު ކިޔައިދިން ގޮތުގައި، އޭނާ އިންޑިއާއަށް ދިޔައީ އަންހެނުންގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ. ނަމަވެސް އާ ސަރުކާރުން ފެށި ފިޔަވަޅުތަކާއެކު، އާންމުންގެ ފަރާތުން ކުރިމަތިވެދާނެ ގޯނާއަކަށް ބިރުން އޭނާ ވަނީ އަމިއްލައަށް ސަރުކާރާ ހަވާލުވެފައެވެ.
ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާތަނަށް 5,000 އެއްހާ ބަންގްލަދޭޝް ރައްޔިތުން ވަނީ ޑިޕޯޓްކޮށްފައެވެ. އަދި ކޮންމެ ޑިސްޓްރިކްޓެއްގައި މިފަދަ މީހުން ބައިތިއްބާނެ "ހޯލްޑިން ސެންޓަރުތައް" މިހާރު ވަނީ ގާއިމުކޮށްފައެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމާފައިވާ ނިންމުމަކާ ގުޅިގެން، ބޭރު ޤައުމުތަކުގެ މީހުންނަށް އިންޑިއާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ހައްގުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ބަންގްލަދޭޝްގެ ފޮރިން އެފެއާޒް އެޑްވައިޒަރު ޝާމާ އޮބައިދު ވިދާޅުވީ، މިކަމާ ގުޅިގެން 12 އަށްވުރެ ގިނަ ސިޓީ އިންޑިއާ ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ. "މީހުން ފޮނުވާލުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް އޮވޭ،" އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ބުނާ ގޮތުގައި، މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ބީއެސްއެފްއިން ގަދަކަމުން މީހުން ބޯޑަރު ހުރަސްކުރުވަން ކުރި 18 މަސައްކަތެއް ވަނީ ހުއްޓުވާފައެވެ. މި މައްސަލައިގައި ދެ ގައުމުގެ ސަލާމަތީ ބާރުތަކުގެ މެދުގައި މިހާރު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.