ޚަބަރު
ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލައިގައި އެމްޑީޕީއަށް ލިބުނު ވޯޓުތައް ބާޠިލް ނޫންކަމަށް ނިންމައިފި
ސްޕްރީމް ކޯޓުގެ ބެންޗު---
މިދިޔަ އެޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން މ. ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލައިގައި އެމްޑީޕީއަށް ލިބުނު ވޯޓުތައް ބާޠިލް ނޫންކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ވޭވަށު ކައުންސިލްގެ އާންމު ދެ މެންބަރުންގެ ތެރެއިން މައްސަލަ ޖެހުނު ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމެވެ. އެ އިންތިހާބުގައި އަޙުސަންއަށް ލިބުނީ 121 ވޯޓެވެ. އަދި ޕީއެންސީގެ ކެނޑިޑޭޓް މުޙައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ.
މި ގޮނޑިއާ ގުޅިގެން ޕީއެންސީގެ ކެނޑީޑޭޓު ކޯޓަށް ދިޔައީ އަޙުސަންއަށް ލިބުނު 3 ވޯޓެއްގައި ތިކިތަކެއް ހުރުމުންނެވެ.
އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވޭވަށުގެ ވޯޓު ފޮށި އަލުން ގުނާފައިވެސް ވެއެވެ. އަދި އަލުން ގުނިއިރު ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ މައްސަލަ ޖެހުނު ތިން ވޯޓު ބާޠިލް ކުރާށެވެ. އެހެންކަމުން އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އަދި ޕީއެންސީގެ ކެނޑިޑޭޓް ނަޒީހަށް ލިބުނު ވޯޓު 119ގައި އޮތުމުން، ކޯޓުން ނިންމީ އިންތިހާބު ކާމިޔާބުކުރީ ނަޒީހު ކަމުގައެވެ.
ނަމަވެސް މިއަދު ސްޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވިއިރު ރިޔާސަތުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދު ނިންމެވީ ހައިކޯޓުގެ ޙުކުމް ބާޠިލްކުރާށެވެ. އަދި އެ މައްސަލައިގައި ޝަރީއަތުގެ ޚަރަދަށް ތިން ލައްކަ ރުފިޔާ ދެއްކުމަށް އަހްސަންގެ ފަރާތުން އެދިފައިވާއިރު، އޭނާގެ ފަރާތުން އެ ފައިސާގެ ތަފުސީލް ހާމަކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން، އޭނާއަށް ޝަރީއަތުގެ ޚަރަދަށް ފައިސާ ދޭން ނުފެންނަ ކަމަށް ފަނޑިޔާރުގެ ރައުޔުގައިވެއެވެ.
ސްޕްރީމް ކޯޓުގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ސަލީމާއި ހުސައިން ޝަހީދު ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔަށް ތާޢީދު ކުރައްވާފައެވެ.