ޚަބަރު
މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ހުޅުވާލައިފި
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު ފޮޓޯ؛ ވުޒާރާ
މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު، މަރާމާތުގެ ބޮޑު މަޝްރޫޢަކަށްފަހު އަލުން އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި ރަސްފަންނު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ރަސްފަންނު ސަރަޙައްދަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަޙައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި، ރަސްފަންނުގެ އުތުރު ސަރަޙައްދުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ކުރިން ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފާޚާނާބަރި، ފެން މާގަނޑު އަދި ލޮކަރު ފަދަ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތްތައް ނިމިފައިވާ ގޮތް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ބައްލަވާލައްވާފައެވެ. ވުޒާރާއިން ވިދާޅުވީ، މަރާމާތަށްފަހު މިހާރު އާންމުންނަށް އެ ސަރަޙައްދު ބޭނުންކުރެވޭނެ ކަމަށެވެ.
ރަސްފަންނަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
މި ސަރަޙައްދުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން، މަސް ބާނާ މީހުންނަށް ޚާއްޞަ ހަޓަކާއި ބާބަކިއު ހެދޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ޕާކިންގ ޒޯނެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.