Ads by Farudhun

ޚަބަރު

އޭއައިގެ ބޭނުން ފުރިހަމައަށް ހިފޭނީ ޢިލްމާއި ހުނަރުން ޒުވާނުން ބާރުވެރިކޮށްގެން: ވަޒީރު ޑރ. ޝަހީމް

އޭއައިގެ ބޭނުން ފުރިހަމައަށް ހިފޭނީ ޢިލްމާއި ހުނަރުން ޒުވާނުން ބާރުވެރިކޮށްގެން: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މެލޭޝިޔާގައި މިހާރު ކުރިއަށްދާ 3 ވަނަ އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026 ގައި ތަގުރީރުކުރައްވަނީ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 11:55

12 ޖޫން 2026، 11:55

ޢިލްމާއި ހުނަރުން ޒުވާނުން ބާރުވެރިކުރުވުމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް އޮތް އެންމެ ކުރު މަގުކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މެލޭޝިޔާގައި މިހާރު ކުރިއަށްދާ 3 ވަނަ އިންޓަނޭޝަނަލް ސަމިޓް އޮފް ރިލިޖަސް ލީޑާސް 2026 ގެ ތެރެއިން ބޭއްވި ބައިނަލްއަޤުވާމީ ޒުވާނުންގެ ކޮންފަރެންސްގައި ތަގުރީރުކުރައްވަމުންނެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ޒުވާނުން ބިނާކުރުމަކީ މުސްތަޤުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި ޢިލްމާއި، އަޚްލާޤާއި، ހުނަރުން ޒުވާނުން ބާރުވެރިކުރުވުމަކީ މި ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލައި، ޑިޖިޓަލް އިންގިލާބާއި އާޓިފިޝަލް އިންޓެލިޖެންސްގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ކޮންފަރެންސް އިންތިޒާމުކުރެއްވި ފުރިހަމަކަމަށްޓަކައި މެލޭޝިޔާ ސަރުކާރަށާއި، ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހީމަށާއި، އެޤައުމުގެ ދީނީ ކަންކަމާ ބެހޭ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، އިސްލާމްދީނާއި މުސްލިމުންގެ ޚިދުމަތުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތަކަށް ވަޒީރު ތަޢުރީފުކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް މެދުމިންކަމާއި، އިންސާފާއި، ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ސައުދީން ކުރާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.

31 ގައުމަކުން 1500 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވާ މި ސަމިޓްގައި މައިގަނޑު ހަތަރު ދާއިރާއަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިޖުތިމާޢީ ބަދަހިކަމާއި، ތަޢުލީމާއި ލީޑަޝިޕްގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމާއި، ޒުވާނުންނަށް ކުރިމަތިވާ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ އިތުރުން ޒުވާނުން ބިނާކުރުމުގައި ދީނީ އިލްމުވެރިންގެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450