ޚަބަރު
ރާއްޖޭގެ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި
މެޑިސިން ސްކޫލްގެ 4 ވަނަ ބެޗުގެ ދަރިވަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހިންގާ ބެޗްލަރ އޮފް މެޑިސިން، ބެޗްލަރ އޮފް ސާޖަރީ (އެމްބީބީއެސް) ޕްރޮގްރާމް އިނގިރޭސިވިލާތުން ރަސްމީކޮށް ބަލައިގަންނަން ފަށައިފިއެވެ. މިއީ ރާއްޖޭގައި ހިންގާ މެޑިކަލް ޑިގްރީއެއް ބޭރު ޤައުމަކުން ބަލައިގަތް ފުރަތަމަ ފަހަރެވެ.
އެމްއެންޔޫ ސްކޫލް އޮފް މެޑިސިން ވުޖޫދުވި ފަހުން އެ ތަނުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުން މިހާރު ވަނީ ރާއްޖޭގެ މެޑިކަލް ޑިގްރީ ބަލައިގަންނަން ނިންމާފައެވެ. މި ނިންމުމާއެކު، ޤައުމީ ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވާފައިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރުމުގެ ކުރިން ހަދަންޖެހޭ 'ޕްލެބް' އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
މީގެ ކުރިން އިނގިރޭސިވިލާތުގެ މެޑިކަލް ލައިސެންސް އިމްތިޙާނުގައި ބައިވެރިވުމަށް ރާއްޖޭގެ ދަރިވަރަކު އެދުމުން، އެ ކައުންސިލުން މީގެ ކުރިން ޢަމަލުކުރަމުން އައީ ކޮންމެ ދަރިވަރެއްގެ ހުށަހެޅުން ވަކިވަކިން ވަޒަންކޮށް ގޮތް ނިންމާ އުސޫލަކުންނެވެ. އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ، އެމްއެންޔޫއަކީ އާ މެޑިކަލް ސްކޫލަކަށް ވުމުން މީގެ ކުރިން ޑިގްރީ ބަލައިގަތުމަށް އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް، މިހާރު ދަސްވެނިވާ ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިކަން ފާޅުކުރާތީ، އެ ފުރުޞަތު ފަހިކޮށްދިނުމަށް ޑިގްރީ ބަލައިގަތުމަށް އެދުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާގެ ޤައުމީ ޔުނިވަރސިޓީގެ މަންހަޖަށް ރާއްޖެއާ ގުޅޭ ބަދަލުތަކެއް ގެނެސްގެން ކިޔަވައިދެމުންދާ މި ކޯހާ ގުޅޭ މަޢުލޫމާތު އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލާ ހިއްސާކުރުމުން، އެ ފަރާތުން ވަނީ ރާއްޖޭގެ ކޯހަކީ އެ ގައުމުގެ މިންގަނޑުތަކަށް ފެތޭ ކޯހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ޑރ. ޝީޒާ ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހި ދަރިވަރުންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ތަޖުރިބާ ހޯދުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ޤައުމުތަކުންވެސް ރާއްޖޭގެ މެޑިކަލް ޑިގްރީ ބަލައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މިހާރު ވަނީ 'ވޯލްޑް ޑައިރެކްޓްރީ އޮފް މެޑިކަލް ސްކޫލްސް' ގައިވެސް ހިމެނިފައެވެ. 2019 ވަނަ އަހަރުން ފެށިގެން އެމްއެންޔޫގައި މެޑިސިން ކިޔަވައިދޭން ފަށާފައިވާއިރު، މިހާތަނަށް ޖުމްލަ 4 ބެޗެއްގެ ދަރިވަރުން ވަނީ ކޯސް ނިންމައި ދަސްވެނިވެފައެވެ.