ދީން / ޚަބަރު

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ހުކުރު ޚުޠުބާ

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ހުކުރު ޚުޠުބާ

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 12:46

12 ޖޫން 2026، 12:46

ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައްތައް ދޫކޮށްލައި، މާތް الله ރުހިވޮޑިގަންނަވާ ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ހިޖުރައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި ބުނީ، އެންމެ މާތްކަން ބޮޑު ހިޖުރައަކީ މީހާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ.

ހިޖުރީ އައު އަހަރެއްގެ ފެށުމާއެކު، މުސްލިމް އުންމަތުގެ ހަނދާނަށް އަންނަ އެންމެ މުހިންމު އެއް ތާރީޚަކީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައެވެ. ހިޖުރައިގެ މާނައަށް ފުންކޮށް ވިސްނައިލާއިރު، އެއީ ހަމައެކަނި އެއް ރަށުން އަނެއް ރަށަށް ދިއުމެއް ނޫނެވެ. އޭގެ އެންމެ ފުޅާ މާނައަކީ ނުބައިކަންތައްތަކާއި މާތް الله ރުހިވޮޑިނުގަންނަވާ ކަންކަން ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. ޢަބްދުﷲ ބުނު ޢަމްރު ބުނުލްޢާޞް (رَضِيَ اللهُ عَنْهُمَا) ރިވާކުރައްވާފައިވާ ޙަދީޘެއްގައިވާ ފަދައިން، އެންމެ މާތް ހިޖުރައަކީ އިންސާނާގެ ވެރިރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްތައް ދޫކޮށްލުމެވެ.

ހިޖުރައިގެ ދަތުރުފުޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި މިސާލެކެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނު އުފަންވެ ބޮޑުފުޅުވި، އެންމެ ލޯބިފުޅުވި މައްކާގެ ބިން ދޫކޮށްލެއްވީ އިސްލާމްދީނުގެ ދިފާޢުގައެވެ. މައްކާއިން ނުކުމެވަޑައިގަންނަވަމުން އެ ބިމާ މުޚާޠަބު ކުރައްވައި ޙަދީޘްކުރެއްވިއެވެ. "الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ހެއްދެވި ރަށްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބިމެވެ... ތިޔަ ރަށުން ތިމަންކަލޭގެފާނު ނެރެނުލެވުނު ނަމަ ތިޔަރަށުން ތިމަންކަލޭގެފާނު ނުކުމެވަޑައެއް ނުގެންނެވީމުހެވެ." މި ޤުރުބާނީގެ ތެރޭގައި އަބޫސަލަމާގެ ޢާއިލާ ވަކިވެދިޔަ ދިއުމާއި، ޞުހައިބުއްރޫމީ އެކަލޭގެފާނުގެ މުޅި މުދާ ދޫކޮށްލެއްވި ހާދިސާތަކަކީ މިއަދުގެ މުސްލިމުންނަށް ހުރި އަގުހުރި ފިލާވަޅުތަކެކެވެ.

ހިޖުރައިގެ ކާމިޔާބީގެ އަނެއް ސިއްރަކީ ފުރިހަމައަށް ރޭވުމާއި ތައްޔާރުވުމެވެ. އަބޫބަކުރުގެފާނު ދަތުރުގެ ސަވާރީ ހަތަރު މަސް ކުރީން ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަސްމާ ބިންތި އަބޫބަކުރު ފަރުބަދައަށް އަރުއްވައި ފަރިއްކޮޅު އެރުވުމަކީ ނުހަނު ފުރިހަމަ ރޭވުންތެރިކަމެކެވެ. މީގެ އިތުރުން، ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި ވަގުތު، މާތް الله ގެ ރައްކާތެރިކަމާ މެދު ރަސޫލާ ﷺ ބެހެއްޓެވި ސާބިތުކަމަކީ އީމާންކަމުގެ އެންމެ މަތިވެރި ދަރަޖައެވެ. އެކަލޭގެފާނު އަބޫބަކުރުގެފާނަށް ޙަދީޘްކުރެއްވިއެވެ. "އޭ އަބޫބަކުރުގެފާނެވެ! ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި ތިމަންބޭކަލުންނާ އެކު މާތް الله ވޮޑިގެންވެއެވެ."

މި މަތިވެރި ހިޖުރައަކީ އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެންދިޔަ ސަބަބެވެ. މައްކާގައި ތޭރަ އަހަރު ވަންދެން ކުރެއްވި ބުރަ މަސައްކަތަށް ފަހު، މާތް الله ގެ އަމުރުފުޅަށް ކުރެއްވި މި ހިޖުރައިން ދަސްކޮށްދެނީ "ވަކީލުކުރުމުގެ" ފުރިހަމަ މާނައެވެ. އެއީ ހަމައެކަނި ދުޢާކޮށްލައިގެން ތިބުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކުރެވެން ހުރި ހުރިހައި މަސައްކަތެއް ފުރިހަމައަށް ކުރުމަށްފަހު، ނަތީޖާ މާތް الله އަށް ދޫކޮށްލުމެވެ.

ނިންމާލަމުން ދަންނަވާނަމަ، ހިޖުރައަކީ ކޮންމެ މުސްލިމެއްގެ ހިތުގެ ތެރޭގައިވެސް ހިނގަންޖެހޭ ދަތުރެކެވެ. އެއީ ފާފަތަކާއި ނުބައި އާދަތަކުން ދުރުވެ، މާތް الله އާއި އެކަލާނގެ ރަސޫލާ ﷺ ދެއްކެވި ސީދާވެގެންވާ މަގަށް ރުޖޫޢަވުމެވެ. އިސްލާމްދީނާ ޚިލާފު ކަންކަން ދޫކޮށް، ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަކީ މިއަދު އަޅުގަނޑުމެން ކުރަންޖެހިފައިވާ އެންމެ މުހިންމު ހިޖުރައެވެ. މާތް الله އަޅަމެން އެންމެންނަކީ އެކަލާނގެ ދެއްކެވި ތެދުމަގުގައި ސާބިތުވެތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން.

                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450