ދުނިޔެ
ލުބުނާނުގައި އިސްރާއީލުން ހެދި 'ބަފަރ ޒޯން' އަކީ ގޭސް ރިޒާވްތަކަށް އަތްގަދަކުރުމުގެ ރޭވުމެއް: ތަޖުރިބާކާރުން
އިސްރާއިލް ސިފައިން ތަކެއް ބަފަރ ޒޯނުގައި. ފޮޓޯ: ގެޓީ އިމޭޖް
ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ގާއިމުކޮށްފައިވާ "ސެކިއުރިޓީ ބަފަރ ޒޯން" ކަނޑުގެ ސަރަހައްދަށް ފުޅާކުރުމަކީ، އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި ގޭހުގެ މުއްސަނދިކަން ފޭރިގަތުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިސްރާއީލުން "ޔެލޯ ލައިން" ގެ ނަމުން ނަންދީފައިވާ މި ސަރަހައްދަކީ ހިޒްބުاللهގެ ހަމަލާތަކުން ރައްކާތެރިވުމަށް ހެދި ތަނެއް ކަމަށް ބުނި ނަމަވެސް، މިއީ ލުބުނާނުގެ ބިމުގެ %6 ހިމެނޭ ސަރަހައްދެކެވެ.
އަލްޖަޒީރާއާ ވާހަކަދެއްކެވި ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ މި އައު ބަފަރ ޒޯނުގެ ސަބަބުން ލުބުނާނުގެ ގާނާ ގޭސް މަޝްރޫއު ހިމެނޭ ސަރަހައްދު އިސްރާއީލުގެ ދަށަށް ދެއެވެ. މީގެ ތެރޭގައި ގޭސް ހޯދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ބްލޮކް 8 އަދި ބްލޮކް 9 ހިމެނެއެވެ. މިއީ 2022 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ކަނޑުގެ ސަރަހައްދުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.
ލުބުނާނުގެ ތެލާއި ގޭހާ ބެހޭ ތަޖުރިބާކާރު ލޯރީ ހައިތަޔަން ވިދާޅުވި ގޮތުގައި، ލުބުނާނުގެ ކަނޑުގެ ސަރަހައްދުގައި 10 ބްލޮކެއް އޮތް ނަމަވެސް، މިވަގުތު އަމަލީ މަސައްކަތް ކުރުމުގެ ކޮންޓްރެކްޓެއް އޮތީ ހަމައެކަނި ބްލޮކް 8 ގައެވެ. އިސްރާއީލުން މި ސަރަހައްދުތަކަށް އަތްގަދަކުރުމަކީ ލުބުނާނުގެ އިގްތިސާދީ މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
މެރިޓައިމް ގާނޫނީ ވަކީލު އާރިފް ފަޚްރީ ވިދާޅުވި ގޮތުގައި، އިސްރާއީލުގެ މި އަމަލަކީ "ސީދާ ބިން ފޭރިގަތުމެއް" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގައުމެއްގެ އައްސޭރިފަށުން 12 ނޯޓިކަލް މޭލަކީ އެ ގައުމެއްގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެކެވެ. އިސްރާއީލުން މި ސަރަހައްދަށް ވަނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ސަރުކާރުން ބޭނުންވަނީ 2022 ގެ އެއްބަސްވުން އުވާލައި، އިތުރު ސަރަހައްދުތަކަށް އަތްގަދަކުރުމަށެވެ. ނަމަވެސް އިދިކޮޅު ލީޑަރު ޔައީރު ލަޕިޑް ފަދަ ބޭފުޅުން ވިދާޅުވަނީ އެ އެއްބަސްވުމަކީ އިސްރާއީލުގެ ސަލާމަތާއި އިގްތިސާދަށް ފައިދާހުރި އެއްބަސްވުމެއް ކަމަށެވެ. އިސްރާއީލުގެ ހަކަތައާ ބެހޭ ވަޒީރު އެލީ ކޯހެން ވަނީ އެ އެއްބަސްވުމަކީ ލުބުނާނަށް ދޫދިނުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މައްސަލައިގައި ލުބުނާނަށް އޮތް ހައްލަކީ ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލު ޖަވާބުދާރީ ކުރުވުމެވެ. ތަޖުރިބާކާރުން ލަފާދެނީ 2022 ގެ އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އެމެރިކާ މެދުވެރިކޮށް ޑިޕްލޮމެޓިކް ފިشارު ކުރިމަތިކުރުވުމަށާއި، އދ. ގެ ކަނޑުގެ ގާނޫނުތަކުގެ ދަށުން އިންސާފު ހޯދުމަށް މަސައްކަތް ކުރުމަށެވެ.